ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައިނާނު އަލީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފިނުވައިފިއެވެ.

މިއަދުގެ މަޖިލީހަށް އައިނާނު ވަކިކުރުމަށް ޖޭއެސްސީން ވަނީ ސިޓީ ފޮނުއްވާފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

ޖޭއެސްސީއިން ނިންމާފައި ވަނީ އައިނާންގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ. ފަނޑިޔާރު އައިނާނާ މެދު ޖޭއެސްސީން ބެލި ސުލޫކީ މައްސަލަަތައް ސާބިތުވާ ކަމަށް ބުނެ ޖޭއެސްސީން ވަނީ އައިނާން 60 ދުވަހު މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ.

ރޭ ޖޭއެސްސީން ނެރުނު ބާޔާނުގައި ބުނެފައި ވަނީ، އައިނާނަށް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ގާނޫނީ ނަންބަރު 13/2010ގެ 33 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު 1.8 އާއި 3.1 އާއި 3.2 އާއި 4.1 ވަނަ ނަންބަރު އުސޫލުތަކާ ހިލާފުވެ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލެއް ފަނޑިޔާރު އައިނާނު ކޮށްފައިވާ ކަމަށް ޖޭއެސްސީން ކުރި ތަހުގީގުން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޛޭގެ ގާނުނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާޏްކޮށްފައިވާ ފަދަ ފަނޑިޔާރުންގެ މަގާމާ އެކަށީގެން ނުވާ އަމަލެއް ކަމަށް ވީ ހިނދު މެޖިސްޓެރޭޓް އައިނާނު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުން ނިންމާފައިވާ ކަމަށެވެ.

މި ފަހަކަށް އައިސް ޖޭއެސްސީން ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލާ އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު މަޖިޅިހަށް ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ހުށަހަޅަމުންނެވެ. އެގޮތުން މާލެ އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު މަގާމުން ވަކި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ހުށަހަޅަން ނިންމާފައިވަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.