ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށްޓަކައި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވާފައެވެ.

ގާޒީ ހައިލަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރޭ ބޭއްވި ބައްދަލުވުމުގައިއެވެ.

ޖޭއެސްސީއިން ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުން އޭނާގެ ކިބައިގައި ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ނުޖެހޭ ފަދަ އަމަލުތައް ފެނިފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ.

ހައިލަމްއާ ގުޅޭ ގޮތުން ޖޭއެސްސީއިން ބެލީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅޭ މައްސަލައެވެ.

ވައިބާ ގްރޫޕަކަށް ގަންހިންގުވާ ފޮޓޯއެއް ޝެއާ ކުރެއްވުމުގެ އިތުރުން އޭނާ އަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ 200،000ރ. ދެއްވި މައްސަލައެއް ވެސް ޖޭއެސްސީން ބެލި އެވެ. އެކަމުގައި ޖިނާއީ އެއްވެސް ކަމެއް ހިނގާފައި ނޯންނާނެ ކަމަށާއި އަލްހާނަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.