ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް އާންމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހުސެއިން ޝަމީމު އެމަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ.
ޝަމީމްގެ އިތުރުން އެމަގާމަށް ކުރީގެ ޑީޕީޖީ މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު އަހްމަދު ޒަނީންވެސް ކުރިމަތިލެއްވިއެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ، މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ.