ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަބޫދާބީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ކްރައުން ޕްރިންސު މުހައްމަދު ބިން ޒައިދުއާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާވެސް ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައިވާ ކަމަަށެވެ. މި ބައްދަލުވުންތަކާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހޫދު ހާމައެއް ނުކުރައްވައެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އަބޫދާބީއަށް ފުރާވަޑައިގެންފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް އޮފީހުން މީގެކުރިން ބުނީ މި ދެބޭފުޅުން އެގައުމަށް ވަޑައިގަތީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކަމަށެވެ. އަބޫދާބީއަށް މި ދެބޭފުޅުން ކުރައްވާ ދަރުފުޅުގައި ވަލީއަހުދާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފޮރިން މިނިސްޓަރާ ރަސްމީކޮށް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ދަތުރުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން ބައްދަލުވުން ބާއްވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ދަތުރުގައި، ދުނިޔޭގެ ފެންވަރުގައި ބާއްވާ ފޯމިއުލާ ވަން ރޭސްކާރު މުބާރާތްވެސް މި ދެ ވެރިން ބައްލަވާލައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.