މިއަދުން ފެށިގެން މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައި ކަމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމައިފިއެވެ.

ސިވިލް ކޯޓުގން ބުނީ، އެ ކޯޓުގެ ރިސެސްގެ މުއްދަތުގައި ވެސް ކޯޓުގެ ޓާގެޓަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރާން ކަމަށެވެ. އެގޮތުން ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީއަތްތަކާއި އަވަސްނި ޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޒީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރިސެސްގެ މުއްދަތުގައި އާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ނިމިފައިވާ މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުން ފަދަ މަސައްކަތްތަކެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީއަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ހިދުމަތްތަކާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުން ވެސް ހިމެނެއެވެ. ކޯޓުގެ މިމަސައްކަތްތައް ކުރުން އިދާރީގޮތުން ރިސެސްގެ މުއްދަތުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެއެވެ.

ސިސިވިލް ކޯޓުގެ ޤާޒީންގެ އާންމު މަޖިލީހުން 2011 ޖެނުއަރީ ހަތަރު ވަނަ ދުވަހު ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަސް ކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.