އިދިކޮޅު ފަރާތްތަކުން މާލޭ ޖަލު ކުރިމަތީގައި ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ އިހުތިޖާގައި ތިން މީހަކު ހައްޔަރުކުރިއެވެ.

ފުލުހުން ބުނީ އެމީހުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ރޭގެ އިހުތިޖާޖު ރޫޅާލުމުގެ ތެރެއިންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީނަށް މަނީ ލޯންޑާކުރި ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 5 ފަނޑިޔާރުންގެ ބެންޗުން ވަނީ 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށްފަހު އެމަނިކުފާނު ގެންދިޔައީ މާލެ ޖަލަށެވެ. ނަމަވެސް މިއަދު މެންދުރުފަހު އެމަނިކުފާނު ވަނީ މާފުށި ޖަލަށް ބަދަލުކޮށްފަ އެވެ.