ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ލިބެމުން ދާ ކަމަށް ބުނެ މައްސަލަ ހުށަހެޅުމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މާލެ ޖަލަށް ޒިޔާރަތްކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، އެޗްއާރްސީއެމަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެޗްއާރްސީއެމްގެ ފަރާތުން 3 ބޭފުޅަކު މާލެ ޖަލަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ ތިން ބޭފުޅުންނަށް ރައީސް ޔާމީނާއި ބައްދަލު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް މުނާޒް ވިދާޅުވިއެވެ.
މާލެ ޖަލުގައި ބަންދުގައި ހުންނަވައިގެން ރައީސް ޔާމީނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބެމުންދާ ކަމަށް ބުނެ އިދިކޮޅުން ވަނީ އެޗްއާރްސީއެމަށް މައްސަލަ ހުށަހަޅާފައެވެ. ރައީސް ޔާމީނަށް އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީން ހުންނެވި ގޮޅީގެ ހާލަތު ހިއްސާ ކޮށްފައެވެ.
ރައީސް ޔާމީނަށް ޒިޔާރަތް ކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުން އިއްޔެ ވަޑައިގެންނެވުމަށްފަހު ވަނީ، އެމަނިކުފާނު ހުންނެވި ޖަލު ގޮޅި އަކީ އެއްވެސް އިންސާނަކު ބެހެއްޓުން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެތަނުގައި ރައީސް ޔަމީން ނިދިކުރައްވަން ހަށިކޮޅު ދަންމަވާ ލެއްވޭނެ ޖާގަވެސް ނެތް ކަމަށާއި، ނިދިކުރައްވަން ބަހައްޓާފައި ހުރި އެނދަކީ ވެސް އާދައިގެ އެނދެއް ކަމަށް ވަކީލުން މައުލޫމާތުދެއެވެ. މީގެ އިތުރުން އެތަނުގައި ހޫނު ފެން ލިބެން ނުހުންނަ ކަމަށާއި ފާހާނާ ފްލޭޝް ނުވާ ކަމަށްވެސް ވަކީލުން ބުނެއެވެ.