ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ބައެއް ސިޔާސީ ލީޑަރުން ޖައްސަވާ ހިސާބު ގޯސް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު ވިދާޅުވީ، ހިޔާލު ތަފާތުވިޔަސް، ރައީސް ސޯލިހާއި ރައީސް ނަޝީދު ކަންކަން ނިންމަވަނީ އެކުގައި ކަމަށާއި އެއީ ބަޖެޓު، ބަދަލު ދިނުން، އަދި ޖުޑިޝަރީގެ ކަންކަން ކަމުގައި ވިޔަސް ކަމަށެވެ. ޑރ. ޖަމީލު ވިދާޅުވީ މި ދެ ރައީސުންގެ ކޯޅުމާއި ބެހޭގޮތުން ބައެއް ސިޔާސީ ލީޑަރުން ޖައްސަވާ ހިސާބު ގޯސް ކަމަށެވެ.

ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި
ޑރ. ޖަމީލު

ދެ ރައީސުން ކަންކަން ނިންމަވަނީ އެކުގައި ކަމަށް ޑރ. ޖަމީލު ވިދާޅުވީ އެ ދެބޭފުޅުންގެ އޮންނަ ގުޅުމަށް އިޝާރާތް ކުރައްވާ ކަމަށް ބެލެވެއެވެ. އެގޮތުން، ބަޖެޓާއި ބަދަލު ދިނުން އަދި ޖުޑިޝަރީގެ ކަންކަން ކަމުގައި ވިޔަސް، ކުރައްވަނީ ދެ ރައީސުން ގުޅިވަޑައިގެން ކަމަށް ތުހުމަތު ކުރައްވަމުން ޑރ. ޖަމީލު ވިދާޅުވީ ނިދިން ހޭލެވޭއިރު އޮންނާނީ 'ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި' ކަމަށެވެ.

ޑރ. ޖަމީލުގެ ބަހުގެ ހަމަލާތައް ރައީސް ސޯލިހާއި ރައީސް ނަޝީދަށް އަމާޒު ކުރައްވާފައި ވާއިރު، އިދިކޮޅުގެ ފަރާތްތަކުން ދަނީ، މި ސަރުކާރުން ބަޖެޓުންނާއި ބަދަލު ދިނުމުގެ ނަމުގައި ވައްކަން ކުރަމުންދާ ކަމަށް ބުނެ ގިނަ ތުހުމަތުތަކައް ކުރަމުންނެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، އެމަނިކުފާނު ޖަލުގައި ބަންދުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ފަރާތްތަކުން ދަނީ ރައީސް ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށާއި، އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ، އެމަނިކުފާނު މިހާރުން މިހާރަށް ދޫކުރުމަށް ގޮވާލަމުންނެވެ.