މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ ޑިސެމްބަރު 1 އިން ޑިސެމްބަރު 19 ގެ ނިޔަލަށް ކަމަށެވެ. އަދި މި ގޮޅިތަކަށް އެދޭނީ އެކަމަށް ހާއްސަކޮށް ދޫކުރާ ފޯމު ހުށަހަޅައިގެން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މި ފޯމް ލިބެން ހުންނާނީ ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު ސިޓީ ކައުންސިލު ގެ އިމާރާތުން ކަމަށައި ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށްވެސް މައުލޫމާތު ދެއެވެ. އަދި މި ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މައުލޫމާތު ޝީޓު ލިބިގެންދާނެ ކަމަށެވެ.
މި ފޯމު ސިޓީ ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މިފަދަ ވިޔަފާރި ތަކަށް މި ސަރުކާރުން ވަނީ ނޫ އިގްތިސޯދުގެ ދަށުން 29 ކަމެއް ހާސިލު ކުރަން ހިމަނައިފައެވެ. މި ސިޔާސަތުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ފަސް ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ތިން ކަމަކާއި 2022 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމަކާއި، 2021 ވަނަ އަހަރަށް މުއްދަތު ޖަހާފަިއވާ ކަމެއް ހިމެނެއެވެ.