ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މާދަމާ ރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ މާދަމާ ރޭ ފުލުހަށް ހާޒިރު ވުމަށް އޭނާއަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައވަނީ މާދަމާ ރޭ 8:00 އަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޕީއެންސީގެ ރައީސް އަދުރޭ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރު ބަހެއް ވިދާޅުވެ އިންޒާރު ދެއްވި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. ޑީޖޭއޭ އިން މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އަބްދުއްރަހީމްގެ މައްސަލައެއް ޑީޖޭއޭ އިން ފުލުހުންނަށް ހުށަހަޅާފައި ވަނީ، އިއްޔެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅިގެން އަދުރޭ ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށް ބެލެވެއެވެ. އެގޮތުން އަދުރޭ ވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އިންޒާރުގެ ބަސްތައް ބޭނުންކުރެއްވި އިރު ފަނޑިޔާރުންނާ މުހާތަބުކޮށް ބޭއަދަބީ ބަސްތައް އަދުރޭ ވަނީ ބޭނުންކުރައްވާފައެވެ. މީގެ އިތުރުން އަދުރޭ ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ހުކުމް ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން މި ހުކުމް ކޮށްފައި ވާއިރު އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް ގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ރަޝީދެވެ. ކުރިން ރިޔާސަތު ބެލެހެއްޓެވި އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން ގާޒީ އަލީ ރަޝީދު ވަނީ ކްރިމިނަލް ކޯޓު ހިންގެވުމަށް ހަވާލުކޮށްފައެވެ. ގާޒީ އަލީ ރަޝީދު އެމަގާމަށް ހަވާލުވެވަޑައިގަތް ހިސާބުން އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ހުކުމާއި ގުޅޭ ގޮތުން ގާޒީ އަލީ ރަޝީދު އާރަށަށް ގެންދެވުމަށްފަހު ރައީސް ސޯލިހު މަޝްވަރާ ކުރައްވާފައިވާ ކަމަށް އަދުރޭ ވިދާޅުވެފައި ވާއިރު، އެކަމަކީ ހިނގި ކަމެއް ކަމަށް ނުވާނަމަ އެކަން ސަރުކާރުން ދޮގު ކުރަންޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވެފައި ވެއެވެ.