ގެއްލިފައިވާ ހައްގުތަކާއި މުދާ އަނބުރާ ހޯދުމަކީ ކެތްތެރިކަން އިސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވެއްޖެއެވެ.

މިއަދު އިމްރާން ވިދާޅުވީ، ރައްޔިތުން މެދުގައި ހަމަހަމަ ކަމާއެކު އަދުލް އިންސާފު ގާއިމުކޮށް ހައްގުތައް ކަށަވަރުކޮށް ދިނުމަކީ އަދި ގެއްލިފައިވާ ހައްގުތަކާއި މުދާ އަނބުރާ ހޯދުމަކީ ކެތްތެރިކަމާއި ހިކުމަތްތެރިކަން އިސްކޮށްގެން ނޫން ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިމްރާން މިހެން ވިދާޅުވެފައި ވަނީ، ދާދީ ފަހުން ފެންމަތިވަމުން އަންނަ އެކި މައްސަލަތާކާ ގުޅިގެން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އިމްރާނަށް އަމާޒުވަމުން ދަނިކޮށެވެ. ފުރަތަމަ މީހުންގެ ފާޑުކިޔުމާއި އިދިކޮޅުގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެގެން ގޮސްފައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ހުރި އިސްލާމް ދީނާށް ފުރައްސާރަކުރާ ވާހަކަތަކާ ގުޅިގެން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ލަސްތަކެއް ހުރުމުންނެވެ. ގިނަ ބައެއް ފާހަގަކޮށްފައި ވަނީ އެ މައްސަލައިގައި ތަހުގީގު ކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ. މިހާރު އެ ޖަމިއްޔާ ވަނީ އުވާލުމަށް ނިންމާފައެވެ. ނަމަވެސް އަދިވެސް އެ ރިޕޯޓު ލިޔުނު ފަރާތްތަކާއި އެ ޖަމިއްޔާގެ ވެރިންނަށް އެކަމުގައި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެއަށްފަހު ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ފަހު މަރު ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެން ސަލަފް ޖަމިއްޔާ އާއި ދީނީ ބައެއް އިލްމުވެރިންނަށް ފިޔަވަޅު އެޅުމަށް ގޮވާލުމުންވެސް ފާޑުކިޔުންތައް އިތުރުވިއެވެ. ހަމައެއާއެކު 13 އަހަރުގެ ކުއްޖަކު ރ. މަޑުއްވަރީގެ 26 އަހަރުގެ ޒުވާނަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން ބަލިވެއިން މައްސަލައެއް ފެންމަތިވެގެން ދިއުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

އެގޮތުން 13 އަހަރު ކުއްޖާގެ މައްސަލައިގައި ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެފައި ވަނީ އަދާލާތު ޕާޓީއަށް ނިސްބަތްވާ ބައެއް އިލްމުވެރިން އެކަން ކުށްވެރި ނުކުރައްވާ ގޮތަށް ވާހަކަދައްކަވާ ކަމަށެވެ. އެހެންކަމުން މިވަގުތު ދައުލަތުން ފިޔަވަޅު އެޅުމަށް އޮތް ދެ ވުޒާރާ ކަމަށްވާ ޖެންޑާއާއި ހޯމް މިނިސްޓްރީގެ މިނިސްޓަރުންނަކީ އަދާލާތު ޕާޓީގެ ބޭފުޅުންނަށް ނިސްބަތްވެ ވަޑައިގަންނަވާތީ އެ ދެ ވަޒީރުންގެ ސްޓޭންޑަކީ ކޮބާތޯ ދިޔާނާ ވަނީ އައްސަވާފައެވެ.

މިވަގުތު ރާއްޖޭގައި ސިޔާސީ މައިދާނުގައި ދީނީ މައްސަލަތައް ގިނައިން ފެންމަތިވަމުން އަންނަކަން ފާހަގަކުރެވޭއިރު، އިމްރާނަކީ އަދާލަތު ޕާޓީގެ ލީޑަރެވެ. އަދި އޭނާއަކީ ދީނީ އިލްމުވެރިއެއްވެސް މެއެވެ.

އެމްޑީއެން މައްސަލަ ފެންމަތިވެގެން އައި އިރު އެމްޑީއެންއާ އިދިކޮޅަށް ވަކި އެއްޗެއް އިމްރާން ވިދާޅުނުވެ ދައުލަތާ އެއްކޮޅަށް ހުންނެވުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ހަމައެއާއެކު ސަލަފް ޖަމިއްޔާގެ މައްސަލައާއި ހައްދު ފަހަނައަޅާފައިވާ މީހުންގެ މައްސަލަތައް ފެންމަތިވެގެން އައި އިރު އިމްރާން ވަނީ، އިސްލާމް ދީނުގެ ސައްހަ އަގީދާ ބަޔާންކޮށް އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދު ފަހަނަޅާފައިވާ އަމަލުތަކާއި، އިސްލާމް ދީނުގެ ހައްގު ދައުވަތުގެ މަސައްކަތަކީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް އިމްރާން ވިދާޅުވެފައި ވެއެވެ.