ބޭންކް އޮފް މޯލްޑިވްސް އިން މަތީ ތައުލީމާއި ޓްރެއިނިންގެ ފުރުސަތު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކޯޕަރޭޓް ސްކޮލާޝިޕް ސްކީމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. އަދި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ދަށުން ބީއެމްއެލްގެ މުއައްޒަފުނަށް މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެ އާއި ރާރްޖޭން ބޭރުން ގިނަ ފުރުސަތު ތަކެއް ހުޅުވިގެން ދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓިމް ސޯޔާ ވިދާޅުވީ، އެކި ކޮލްޖްތަކާއި ޔުނިވާސިޓީތަކާއެކު ބަދަހިކުރެވިފައިވާ ގުޅުންތަކުގެ ތެރެއިން އުނގެނުމުގެ ހަރުދަނާ މާހައުލެއް އުފެއްދުމަށާއި އެ ބޭންކުގެ ސްޓާފުންނަށް އިތުރު ފުރުސަތުތައް ހޯދަދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރީއާ ގުޅިގެން ކޯޕަރޭޓް ސްކޮލާޝިޕް ސްކީމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ވަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތައް އެކުލަވާލައިފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ.