ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ތައާރަފްކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް ތައާރަފް ކުރި މި ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ދަތުރުތަކާއި، ހޮޓެލް ބުކިން އަދި ވިޔަފާރިތަކުން ވަރަށް ހާއްސަ އޮފާތަކެއް ލިބިގެންދާނެއެވެ. އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ލޯންޗް ކޮށްދެއްވީ ރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމެވެ.
މި ހިދުމަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ، ހާއްސަ އިނާޔަތްތަކާއި އަގުހުރި ހިދުމަތްތަކެއް އެކުލެވޭ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ދިވެހިރާއްޖެއަށް ތައާރަފް ކުރެވިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކާޑު ތައާރަފް ކުރުމާއި ގުޅޭ ގޮތުން އެމެރިކަން އެކްސްޕްރެސް ގެ ދެކުނު އޭޝިޔާގެ ވައިސް ޕްރެޒިޑެންޓް އަދި ގްލޯބަލް ނެޓްވޯކް ސާވިސަސްގެ ބިޒްނަސް ހެޑް ދިވްޔާ ޖެއިން ވިދާޅުވީ ބީއެމްއެލާއެކު 2004 އިން ފެށިގެން ގާއިމް ކުރެވިފައިވާ ޒަމާންވީ ގުޅުމަަކީ އަޅުގަނޑުމެން އިހުތިރާމު ކުރާ އަދި އަގުވަޒަން ކުރާ ގުޅުމެއް ކަމަށެވެ. އަދި މި ކާޑު އިފްތިތާހު ކުރެވިގެން ދިއުމާއެކު ދިވެހިންނަށް މިކާޑު މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ބްރޭންޑުގެ ފުޅާ ހިދުމަތްތައް މަގުފަހިވުމުގެ އިތުރުން، ބީއެމްއެލާއި ގުޅިފައިވާ ބައިނަލްއަގްވާމީ ވިއުގައާއި އަދި ދިވެހި ބޭންކިންގެ ފަންނީ ތަޖްރިބާ މި ހިދުމަތުގައި ހިމެނިގެންދާނެ ކަމަށް ޖެއިން ވިދާޅުވިއެވެ. ޖެއިން ވިދާޅުވީ، މި ހިދުމަތާއެކު އެމެރިކަން އެކްސްޕްރެސަށް ލިބޭ ތަރުހީބު އިތުރުވެ، ބޭންކުގެ ކަސްޓަމަރުންގެ އަދަދު އިތުރު ވެގެންދާނެ ކަމަށެވެ.
ބީއެމްއެލަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑުގެ އިތުރު މައުލޫމާތު ބޭންކްގެ ވެބްސައިޓުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.