މަނީ ލޯންޑާ ކުރެއްވި ކަމުގެ ދައުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނުގެ ޝަރީއަތް އަޑުއަހަން ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވަން ދެން އެ ފަރާތްތަކުން މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އެހެން ފަރާތަކުން އެ ޕާޓީއަށް ވެރިވެގަތުމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން އެމެރިކާ ޑޮލަރުން ކުރީގެ ރައީސް ޔާމީން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން މި ހުކުމް ކޮށްފައި ވާއިރު އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް ގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ފަސް ފަނޑިޔާރުންގެ އިތުރުން މިސަރުކާރުގެ އިސްވެރިންނާ ހަމައަށް ގާނޫނު އަރައި ހަމަ ކުރާނެ ކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވަނީ އެ ފަރާތްތަކަގެ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. މި މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް ހައިލަމްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލައި އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. އެއަށްފައު ފަހު މި މައްސަލަ ބަލަން ފަށާފައިވަނީ ކްރިމިނަލް ކޯޓުގެ މި ފަސް ގާޒީންގެ ބެންޗުންނެވެ.

މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވެއެވެ.