ރައްޔިރުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ މައްސަލަ ޖެހިވަޑައިގެން އުޅުއްވަނީ ކޯޓެއް ފަހަން ޖާބިރު ޑޮނާޑަށް ވަޑައިގަތުމުން ދުވަސް ކޮޅެއް ވާނޭ ކަމަށް އެތާނގައި ގައި މަސައްކަތް ކުރާ ކުއްޖަކު ބުނުމުން ކަމަށް ރޮޒައިނާ ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެ، މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޖާބިރު ޓުވީޓުގައި އޭނާ އާ "އަޅައިގަނެގެން" އުޅުއްވަނީ ކީއްވެކަން އިއްޔެ އެނގިވަޑައިގެންފައި ވާ ކަމަށެވެ.
ސަބަބެއް ކަމަށް ރޮޒައިނާ ފާހަގަ ކުރައްވާފައި ވަނީ ޑޮނާޑް ގާމެންޓްސް އަށް ކޯޓު ތަކެއް ހެޔޮވަރު ކުރައްވަން ވަޑައިގެން ވަގުތުން އެކަން ނިންމައިދެއްވަން ޖާބިރު އެދިވަޑައިގަތުމުން އެތަނުގައި އެވަގުތު ހުރި ކުއްޖާ އެކަމަށް ހަފްތާއެއް ނަގާނެ ކަމަށް ބުނުމުން އެކަމާ ކޯފާވެގެން ނުކުންނަވާ ވަޑައިގެން އެ ރުޅި ރޮޒައިނާ އަަށް ދެއްކެވީ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތަކުގައި ޖާބިރާއި ރޮޒައިނާގެ ބަހުސް އަކީ ވަރަށް ފޯރިއާއެކު ކުރިއަށްދާ ބަހުސްއެކެވެ. މަޖިލީހުގެ ޖަލްސާއެއްގައި ޖާބިރު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރޮޒައިނާ އަށް ވައްކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ. ޖާބިރު ރޮޒައިނާއަށް ވައްކަމުގެ ތުހުމަތު ކުރެއްވުމުން ރޮޒައިނާ ވެސް ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
އެގޮތުން، ބަހުގެ ހަމަލާ ޖާބިރަށް އަމާޒު ކުރައްވަމުން ރޮޒައިނާ ވަނީ އެހެން ގައުމުތަކުގައި ވެސް ރޭންޑަމް ޓެސްޓިން ހަދާކަން ފާހަގަ ކުރައްވާ، މަޖިލީހުގައި އަލްކަހޯލް ޓެސްޓު ހެދޭ ގޮތަށް ބެހެއްޓުން ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ޖާބިރު ރައްޔިތުން މަޖިލީހަށް ހަދިޔާ ކުރެއްވި ގަސްތަކުގެ ވާހަކަ 'ދުވާލު ދެދަޅަޔަށް ގޮވާފައި'، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވައިގެން 'ކޯޓަށް ދާން ބިރު ނުދައްކައިފިއްޔާ' ކިތަންމެހާވެސް ރަނގަޅު ކަމަށް ވިދާޅުވުމުން އަނެއްކާވެސް ޖާބިރާއި ރޮޒައިނާގެ ކޯޅުން ފެށުނެވެ.
އެ ކަމަށް ރައްދުދެއްވާ ޖާބިރު ސިފަކުރައްވާފައި ވަނީ ރޮޒައިނާ އަކީ ގޮތެއް ފޮތެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް ފަހު ރޮޒައިނާ ކެމްޕޭން ކުރެއްވީ ޖާބިރުގެ ބައްޕާފުޅު ހުސައިންފުޅުގެ ހަސަން ބާގިރުގެ ގެއިން ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.