މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް އަންހެނުންގެ ކައުންސިލަށް 5 މެންބަރުންނާއި ޒުވާނުންގެ ކައުންސިލަށް 12 މެންބަރުން ބޭނުންވެއްޖެއެވެ.

އެމްއާރްއެމުން ބުނީ، އެ ޕާޓީގެ އިންތިގާލީ އަންހެނުންގެ ކައުންސިލަށާއި، އިންތިގާލީ ޒުވާނުންގެ ކައުންސިލަށް އިތުރު މެންބަރު އިންތިހާބު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންތިގާލީ އަންހެނުންގެ ކައުންސިލަށް 5 އަންހެން މެންބަރުން އަދި އިންތިގާލީ ޒުވާނުންގެ ކައުންސިލަށް 5 ފިރިހެން މެންބަރުން އަދި 7 އަންހެން މެންބަރުން އައްޔަން ކުރަން ޖޭހޭ ކަމަށާއި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން ޒުވާނުންގެ ކައުންސިލް މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތައް ވާން ޖެހޭނީ އުމުރުން 30 އަހަރު ނުވާ ބަޔަކަށް ކަމަށް އެ ޕާޓީން ބުނެއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިވާ މަގާމާއި ނަން އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު ހިމެނޭ ގޮތަށް އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ ޕާޓީގެ އޮފީހަށް ސީޓިއަކުން ނުވަތަ އީމެއިލުން ހުށަހެޅުމަށް އެމްއާރްއެމުން ބުނެފައި ވެއެވެ. އަދި މެންބަރު ކަމަށް އިއުލާން ކުރެވިފައިވާ އަދަދަށް ވުރެ އިތުރަށް ކުރިމަތިލައިފި ނަމަ މެންބަރުން ހަމަކުރުމަށް އިންތިހާބު ކުރާނީ ކައުންސިލް ޖަލްސާއެއްގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް އެމްއާރްއެމުން ބުނެއެވެ.

އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގެން / ފޮޓޯ: އެމްއާރްއެމް

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ އެމްއާރްއެމް ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ރަޖިސްޓާކޮށް ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެމްއާރްއެމްގެ އިންތިގާލީ އެގްޒެކެޓިވް ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ރޭ ވަނީ ބާއްވާފައެވެ. އެމްއާރުއެމްގެ އިންތިގާލި ރައީސަކީ، ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ނައިބު ރައީސަކީ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާ އެވެ.