ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި، އެކަން ހުއްޓާލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އިދިކޮޅލު ފަރާތްތަކުން އިހުތިޖާޖު ކުރަމުންދާއިރު، އެ މައްސަލައިގެ ހުކުމް ކުރުން ވަނީ މާދަމާ 1:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ކުރިއްސުރެ ބުނަމުންނެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް 'ދަ ޕްރެސް' އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލަނީ ސިޔާސީ ދައުވާއެއް ކަމަށާއި، މިއީ ވަރަށް ކުއްލިގޮތަކަށް ސިޔާސީ މޯޓިވޭޝަނެއްގައި ޕީޖީ، ފުލުހުން އަދި އޭސީސީން ގުޅިގެން ފެށި މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ، މި ޝަރީއަތް ކުރިން ކުރިއަށް ގެންގޮސްފައިވަނީ ލައިވްކޮށް ޓީވީން ފެންނަ ގޮތް ހެދުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ކަމަށާއި، އެގޮތަށް އެކަން ކޮށްފައިވަނީ، ރައީސް ޔާމީން ފަލީހަތް ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ޔާމީނަށް ކުރާ ދައުވާ ހުއްތާލުމަށް އިދިކޮޅުން ކުރަމުންދާ އިހްތިޖާޖުގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ތިއްބަވާނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހްމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާގެ ހުކުމް ކުރުން މި މަހު 5 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވަނިކޮށް ހުކުމް ކުރުން ފަސްވީ، މި މައްސަލަ އޭރު ބައްލަވަމުން ގެންދެވި އެ ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދެވެ. ޖޭއެސްސީން، ގާޒީ ހައިލަމް ސަސްޕެންޑް ކުރީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ބޮޑަށް ވަދެފައިވާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ އެކައުންޓުން ރައީސް ޔާމީން، އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލާގައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ވަނީ އެ ބޭންކުގައި އޮންނަ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާ ކުރައްވާފައެވެ.