ކޯޓުން ބޭރުގައި ގާނޫނާ ހިލާފަށް ކުޑަކުދިންނާ ކުރާ ކައިވެނީގެ މައްސަލަތައް އެނގޭ އާންމުން ރިޕޯޓުކުރުމަށް މަޖިލީހުން އެދިއްޖެއެވެ.
ކުޑަކުދިން ކައިވެނިކުރުމާ ގުޅޭ މައްސަލަތައް މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.
މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ކޯޓުން ބޭރުގައި ކުޑަކުދިންނާ ކޮށްފައިވާ ކައިވެނީގެ މައްސަލަތަކުގެ މައުލޫމާތު އެނގޭ އާންމު ފަރާތްތަކުން އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށެވެ. އެގޮތުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެ މައްސަލަތައް މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަށް ހުށަހެޅުމަށް ބުނެފައި ވެއެވެ. މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ ކޮމިޓީގެ އީމެއިލް އެޑްރެސްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުންވެސް މައްސަލަ ހުށަހެޅޭނެއެވެ. އަދި މައްސަލަ ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެގޮތަށް ހުށަހެޅުމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޯޓުން ބޭރުގައި ކައިވެނިކުރާ މައްސަލަ ބެލުމަށް ރައްޔިތުން މަޖީލީހުން ނިންމާފައި މިވަނީ ދާދި ފަހުން ރ. މަޑުއްވަރީގެ 26 އަހަރުގެ ފިރިހެނަކާއި 13 އަހަރުގެ އަންހެންކުއްޖެއް ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. މި މައްސލަަ ފެންމަތިވެފައިވާ އިރު 13 އަހަރުގެ އަންހެންކުއްޖާ 12 އަހަރުގައި ބަލިވެ އިންދެފައިވާ ކަމަށާއި އަދި 13 އަހަރުގައި އޭނާ ވިހާފައިވާ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކޮމިޓީގައި މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި އެކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވެފައި ވަނީ، 13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލަ ދިރާސާ ކުރަމުން އަންނަ އިރު އެއީ އެކުއްޖާ މީހަކާ ދެވި ފުރަތަމަ ފަހަރު ނޫންކަމަށާއި މީގެ ކުރިންވެސް ޝަރުއީ ނިޒާމުން ބޭރުން ކައިވެނި ކުރުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ފުލުހުންނާއި ޖޭންޑާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެއް އާއިލާއަކުން ކުޑަކުދިންތަކެއް ތައުލީމާއި ސިއްހީ ފަރުވާ ހޯދުމުން މަހްރޫމްވެފައިވާ ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް އެފަރާތުން ބަލަމުން ދާ ކަމަށެވެ. މި ކަމާ ގުޅިގެން އެތައް ބަޔަކު ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ދާ އިރު މި ގޮތަށް ގާނޫނާ ހިލާފަށް ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭ ކިތަންމެ ހާދިސާއެއް ހިނގާފައި ހުންނާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މި ކަމަށް ފާޑުކިޔަމުންނެވެ.
މިމައްސަލަ ހޫނުވަމުން އަންނަ މި ދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޭ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމުގައި 13 އަހަރުގެ އަންހެންކުއްޖާގެ މައްސަލަ އާއި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތައް ބެލުމަށް ޓާސްކް ފޯހެއް އުފައްދަވާފައެވެ. ރޭ 9:00 އިން ފެށިގެން މި ފަދަ މައްސަލަތަކަށް އެޓެންޑު ވުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރޭ ޕޮލިސް ކަމިޝްނަރު ވަނީ ވިދާޅުވެފައެވެ.