ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހަދައި ބަނޑުބޮޑުވި މައްސަލަ އާއި ދީނީގޮތުން ހަރުކަށި ވިސްނުންތަކުގެ ތެރެއިން ފެންމަތިވި ކަންކަން ބެލުމަށް ހާއްސަ ޓާސްކް ފޯހެއް އުފައްދައިފިއެވެ.
މި ޓާސްކް ފޯސް އުފައްދަވާފައި ވަނީ ރޭ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކޮމިޓީގައި މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަ ދައްކަވަމުން ވިދާޅުވީ، އުމުރުން 12 އަހަރުގައި ބަނޑުބޮޑުވެ، 13 އަހަރުގައި ވިހެއި ކުއްޖާގެ ރައްކާތެރިކަމަށް ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތައް ބަލަން އެ ޓީމާ ރައީސް ހަވާލުކުރެއްވި ކަމަށެވެ.
ހަމީދު ވިދާޅުވީ، އެ ކުއްޖާއަށް ރައްކާތެރިކަން ހޯދައިދޭން ކުރެވިފައިވާ ކަންކަމާއި އެއީ އެކަށިގެންވާ ފިޔަވަޅެއްތޯ ބަލައި ދެން އަޅަން ހުރި ފިޔަވަޅުތަކާއި މަސައްކަތްތައް އެ ޓާސްކް ފޯހުން ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކަމިޝަނަރު ވިދާޅުވީ، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ރައީސް އިސްވެ އިންނަވައިގެން އުފެއްދި ހާއްސަ ޓާސްކް ފޯސްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގު ޓީމެއް މިކަމަށް ހާއްސަ ކުރެވިގެން، މި ކަމުގެ ތެރޭގައި ކަންބޮޑުވުން ހުރި ބައެއް ކަހަލަ މައްސަލަތަކަށް އެޓެންޑަކުރަން ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.