ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ މައްސަލަ ބަލާ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނަވާ މައްސަލަައިގައި އެއްވެސް މަގަކުން އަލިކަމެއް ފެނިފައިނުވިއަސް އެ މައްސަލަ ދޫކޮށް ނުލައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނަވާ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގެ ރަޖިސްޓްރާއާވެސް ބައްދަލުކޮށް، އެކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދަށް އެ ބެންޗުގައި އިނދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެންމެ ފަހުވަގުތުގައި ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލީ ރަޝީދުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް ހަމަޖައްސަން ގޮވާލައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ގާޒީ އަލީ ރަޝީދު މީޑިއާއަކަށް އިންޓަވިއުއެއް ދެއްވި ކަމަށް އިއުތިރާޒު ކުރެއްވި ނަމަވެސް، އިންޓަވިއު ދެއްވާފައިވާ ކަމަށާއި، އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުކަމެއް ކަމަށެވެ. އެގޮތުން ގާޒީ އަލީ ރަޝީދު ވަނީ މީޑިއާގެ ބޭފުޅަކާއި ވާހަކަ ދެއްކެވީ އިންޓަވިއު ދެއްވުމުގެ ނިޔަތެއްގައި ނޫން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ އެމައްސަލައިގައި ކުރިމިނަލް ކޯޓަށް ވަޑައިގެން ގާޒީ އަލީ ރަޝީދާއި ބައްދަލު ކުރަން މަސައްކަތް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް އެ ފުރުސަތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދުގެ މައްސަލައިގައި ޕީޕީއެމްއާއި، ޕީއެންސީގެ މަޖިލިސް މެންބަރުން ރައީސް ނަޝީދާ ވެސް ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ މައްސަލަ ޖޭއެސްސީގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، މިހާތަނަށް އައިއިރު ވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނަވާ މައްސަލަ ރައީސް ޔާމީންގެ ވަކީލުން ވެސް ވަނީ ޖޭއެސްސީއަށާއި. ކްރިމިނަލް ކޯޓާއި، ސްޕުރީމްކޯޓަށް ވެސް ހުށަހަޅާފައެވެ.