"ފަންނު އެކްސްޕޯ" ގެ ނަމުގައި ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އިވެންޓުގައި ހުރި ސްޓޯލްތަށް ބަލަމުން ދާއިރު ކޮންމެ މީހެއްގެ ލޮލުގައިވެސް އަޅައިގަންނަނީ ތަފާތު މަންޒަރު ތަކެކެވެ. އެތައް ބައެއްގެ ހުނަރުން ފުރިގެންވާ އެއްޗެއްސެވެ. އެތަށް ދުވަހެއް ވަންދެން ކުރި ބުރަ މަސައްކަތްތަކެކެވެ.

ވަޑާމުގެ ކަންކަން ކުރުމަކީ ރާއްޖޭގައި ކުރަމުން އަންނަ އާންމު މަސައްކަތަކަށް ވާ ނަމަވެސް ޕްލާސްޓިކުން ހަދާ އެއްޗެއް ލަކުޑިއަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޕްލާސްޓިކް މަދުކުރަން އެންމެން ކުރަމުންދާ މަސައްކަތަށް ނިމުމެއް ގެންނަން ލަކުޑިން އެއްޗެހި ހަދަން ފެށުމަކީ ގިނަ ބައެއްގެ އަމާޒަކަށް މިވަނީ ވެފައެވެ. ގޭތެރޭގައި މޭވާއަޅަން ނުވަތަ އެނޫންވެސް ބޭނުމަކަށް ލަކުޑިން ހަދާފައިވާ ބާސްކެޓެއް ބޭނުން ކޮށްލަން މާ ރަނގަޅު ނޫންހެއްޔެވެ. މި ކަމަށް އަމަލީ ގޮތުން މަސައްކަތް ދެއްކި އެކަކަށް "ފަންނު އެކްސްޕޯ"ގައި ލަކުޑިގެ ތަކެތިން އުފައްދާފައި ވާ ބައިން އެއްވަނަ އަދި މުޅި މުބާރާތުން ރަން ވަނަ ހާސިލް ކުރި މުއިއްޒު ޝާފިއު ގެ ވަށިގަނޑުތަށް ވާނެ ކަން ޔަގީނެވެ.

ފަންނު އެކްސަޕޯ ގައި މުއިއްޒު ހެދި ވަށިގަނޑުތަށް ރައީސް އިބްރާހިމް މުހައމަދު ސޯލިހު ބައްލަވައިލައްވަނީ / ފޮޓޯ: ރައިސް އޮފީސް

މުއިއްޒުގެ މަސައްކަތް ފެށުނު ގޮތް

ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ އަދި ރާއްޖޭގައި ބާއްވާ މިފަދަ ކޮންމެ މުބާރާތަކުންވެސް ގިނަ ވަނަތަކެއް ހާސިލް ކުރަމުން ގެންދަވާ އަބަދުލް މުހައިމިންގެ ވަޑާމާއި އަތްތެރި މަސައްކަތްތައް ފެނި ޝައުގުވެރިކަން އުފެދެން ފެށީ ކަމަށް މުއިއްޒު ކިޔައިދިނެވެ.

"އަސްލު އިންސްޕަޔާވީ މުހައިމިންގެ މަސައްކަތްތަށް ވަރަށް ގާތުން ފެނި އުޅެވެން ފެށުމުން"
މުއިއްޒު

މި މުބާރާތުގައި ބައިވެރި ވާން އެންމެ ބޮޑަށް ބާރު އެޅީ އާޓްގެ ދާއިރާއިން ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފިޔަ ޖަހަމުން އަންނަ އަފްޒަލް ޝާފިއު (ކޮއްކޮ) ކަމަށް މުއިއްޒު ވާހަކަ ފަށަމުން ކިޔައިދިނެވެ.

"ކޮށްކޮގެ ފަރާތުން މި މުބާރާތް އޮންނަ ކަން އިނގުނީ. ކޮށްކޮ ބުނީ މިފަހަރު ޖެހޭނޭ ކޮންމެހެންވެސް ބައިވެރި ވާން"
މުއިއްޒު

މި މުބާރާތަށް ތައްޔާރުވާން ފެށީ، ރާއްޖޭގައި އާންމު ގޮތެއްގައި ހަދާ ނޫޅޭ އެއްޗެއް ހެދުމުގެ ބޭނުމުގައި ކަމަށް މުއިއްޒު ކިޔައިދިނެވެ. ގެތި ވަށިގަނޑެއް ހަދާ ރަންވަނަ ލިބިފައިވާ އެ މަސައްކަތަކީ 3 ހަފްތާގެ ބުރަ މަސައްކަތެކެވެ. އެ މަސައްކަތުން އެންމެ އުފާވީ އޭނާ އެދުރެއްގެ ގޮތުގައި ގަބޫލުކުރާ މުހައިމިން، އޭނާގެ މަސައްކަތް ރީތި ކަމަށާއި މަސައްކަތުގެ ފުރިހަމަ ކަމަށް ކުރި ތައުރީފުން ކަމަށް ކިޔައިދިނެވެ.

އެކްސަޕޯގައި މުއިއްޒު ޝާފިއު ހަދާފައިވާ "ގެތި ވަށިގަނޑު" ތަކާއި ލިބިފައި ވާ އިނާމާއިއެކު / ފޮޓޯ: ފާތިމަތު އަޖްފާން| ދަ ޕްރެސް

ޒުވާން ކުދިންނަށް އެ މަސައްކަތް ދަސްކޮށް ދިނުމަށް ޝައުގުވެރިކަން ހުރި ކަމަށް މުއިއްޒު ވަނީ ފާހަގަ ކޮށްފައެވެ. އެންމެ ފިލާ ފޮށްޗަކުން ހަދާފައިވަ އެ ވަށިގަނޑަކީ އަމިއްލައަށް ހެދި ތިލައަކުން ކަފައިގެން ހަދައިފައި ވަށިގަނޑެއް ކަމަށް މުއިއްޒު ބުނެއެވެ. އެ މަސައްކަތަކީ ވަރަށް ހިތްވަރު ހުރެގެން ކުރެވޭނެ މަސައްކަތެއް ކަމަށްވެސް މުއިއްޒު ފާހަގަ ކުރިއެވެ.

ފުރަތަމަ ފަހަރަށް މި މައިރަޒުގައި ބައިވެރިވެ، ބައިވެރި ވި ދާއިރާއިން އެއްވަނަ އަދި މުޅި މުބާރާތުން ރަންވަނަ ލިބުނު ނަމަވެސް، އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޭނާގެ މަސައްކަތަށް ތައުރީފް ކުރައްވާ އެއް ވަށިގަނޑު ބައްލަވައި ގެންފައި ވާތީ ކަމަށް އޭނާ ބުންޏެވެ.

މުއިއްޒުގެ އެދުރެއްގެ ގޮތުގައި ގަބޫލު ކުރާ މުހައިމިންގެ ވާހަކަ

ފަންނު އެކްސަޕޯ ގައި މުހައިމިން އާއި ނައިބް ރައިސް ފައިސަލް ނަސީމް / ފޮޓޯ: ރައިސް އޮފީސް

އެންމެންނާވެސް ގުޅޭ މަޖާ މިޒާޖެއްގެ ގ. ރިހިވެލި ނައިބުގޭ އަބްދުލްމުހައިމިންގެ ވާހަކަވެސް ތަފާތެވެ. ވަޑާމުގެ މި މަސައްކަތްތަށް ޝައުގުވެރިކަން އުފެދި ކުރައްވަން ފެއްޓެވީ ރާއްޖޭގައި މި ފަންނުގައި އެއްޗެހި ހަދާ މީހުން މަދު ކަމުންނާއި އިލާ ފަދަ، ރާއްޖޭއިން ލިބޭ، މީހުން ބޭނުން ނުކުރާ ތަކެތިން ކަވި މަސައްކަތް ކުރާ މީހުން މަދުވެ، އެއްޗެހި ހަދާ ނޫޅޭތީ ކަމަށް މުހައިމިން ވިދާޅުވިއެވެ. އަދި މިކަމަށް ޝައުގުވެރިކަން އުފެދުނީ ބޭރު ގައުމު ތަކަށް ދަތުރު ކުރައްވާއިރު އެމީހުން ކޮށްފައިވާ މަސައްކަތްތަށް ފެނިވަޑައިގަތުމުން ކަމަށްވެސް މުހައިމިން ވިދާޅުވިއެވެ.

އާންމު ގޮތެއްގައި ރާއްޖޭގައި ހަދާ އުޅެނީ ފަސޭހައިން ތައްޔާރު ކުރެވޭ ކަހަލަ އެއްޗެހި ކަމަށް ވުމުން އެކަމަށް ބަދަލެއް ގެންނެވުމުގެ ނިޔަތުގައި ފެއްޓެވި މި މަސައްކަތުން މިހާރު ރާއްޖޭގައި މިދާއިރާގައި ހުންނެވި އެންމެ ފުންނާބު އުސް އެއް ބޭފުޅަކީ މުހައިމިނަށް ވާނެކަން ޔަގީނެވެ.

މުހައިމިން ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވަނީ އާ އެއްޗެއް އުފެއްދެވުމަށް ކަމަށާއި މިފަހަރުގެ މަސައްކަތުން އެ ތަފާތު ދައްކަވާލެއްވިފައި ވާ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މުހައިމިން ވިދާޅުވެފައި ވެއެވެ. ފޫހި ފިލުވާލެއްވުމުގެ ގޮތުން ކުރައްވަން ފެއްޓެވި މި މަސައްކަތުން ވަނީ އެތަށް ބަޔަކަށް މީގެ ފައިދާ ކޮށްފައެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން ސަރުކާރުގެ ތަންތަނަށް ވެސް މުހައިމިންގެ މަސައްކަތުން ވަނީ ފައިދާ ކޮށްފައެވެ.

30 އަހަރުގެ އެ ދިގު ތަޖުރިބާގައި މީހެއްގެ ފަރާތުން އެންމެ ހީނުކުރައްވާ ކޮމެންޓަކަށް، ލިބިވަޑައިގަތީ މިއަހަރުގެ އެކްސްޕޯގައި ޒުވާން އަންހެން ކުއްޖެއްގެ ފަރާތުން ލިބުނު ކޮމެންޓެއް ކަމަށް މުހައިމިން ކިޔައިދެއްވިއެވެ.

"ރޭގަ އައި ތަންކޮޅެއް ޅަ އަންހެން ބޭފުޅަކު ވިދާލު ވަނީ ތިމަންނަ މި އައި އެއްޗެއް ބުނެލާށެ. ތިމަންނަ ބޭނުންވަނީ މި ދާއިރާގައި މުހައިމިނަކަށް ވާށޭ."
މުހައިމިން

މީއިން އެނގިގެން ދަނީ ޒުވާނުންވެސް މިކަމަށް ޝައުގުވެރި ވެފައި ވާ މިންވަރު ކަމަށާއި މުހައިމިން ގެ މަސައްކަތްތަށް މީހުން ބަލައިގެންފައި ވާ މިންވަރު ފާހަގަވެގެން ދާކަމަށްވެސް މުހައިމިންގެ ވިދާޅުވިއެވެ.

މުހައިމިންގެ ހުނަރުވެރި މަސައްކަތުން ގިނަ ބައެއްގެ ލޮލުގައި އަޅައިގެން އެކައްޗަކަށް ހުޅުނބުން ތައްޔާރުކޮށްފައި ވާ މާ ވަށިގަނޑު ވާނެކަން ޔަގީނެވެ. ހުޅުނބުން ހަދާފައި ވާ މި މާވަށިގަނޑުގައި ވަނީ ތިން ކުލައެއްގެ މަލެވެ. މަޑު ފެހި، ހުދު އަދި މަޑު ރީނދޫ ކުލައެވެ. ހުޅުނބުން މަލުގެ ފިޔަތަކަށް ގެނެސްފައި ވާ ކޮންމެ ބަނޑިއަކީ ތަފާތު ހުނަރެކެވެ.

އަބްދުލް މުހައިމިން އެކްސްޕޯއަށް ހުޅުނބުން ތައްޔާރުކުރި މާވަށިގަނޑު / ފޮޓޯ: ފާތިމަތު އަޖްފާން | ދަ ޕްރެސް

މަޑު ފެހި، ރީންދޫ އަދި ހުދު ކުލައިގެ ހުޅުނބުން ތައްޔާރުކޮށްފައި ވާ މި މާވަށިގަނޑަށް ކުރައްވައިފައި ވާ ބުރަ މަސައްކަތަކީ އެއްމަސްދުވެހުގެ ބުރަ މަސައްކަތެކެވެ. ދިވެހިންނާއި ގުޅެއެވެ. ދިވެހިންގެ ކަނޑުން ލިބޭ ހަޒާނާ ތަކުން ތައްޔާރު ކުަރއްވާފައިވާ އެ މަސައްކަތުން ދައްކުވައި ދީފައި އެވަނީ އެފަދަ ދެވަނަ އެއް ނެތް މަސައްކަތް ތަކެކެވެ.

މިފަހަރުގެ މުބާރާތުން މުހައިމިނަށް ވަނީ ތިން ދާއިރާއަކުން ވަނަ ލިބިވަޑއިގެންފައެވެ. އެއީ ތެދުވިވަޑާމުގެ ދާއިރާއިން އެއްވަނަ، އަތްތެރި މަސައްކަތުގެ ދާއިރާއިން ދެވަނަ އަދި އުފެއްދުންތެރި ކުރެހުމެއް ކުރަހާ ފަރުމާ ކުރުމުން ދެވަނަ އެވެ.

މުހައިމިންގެ ދަރިވަރެއްގެ ގޮތުގައި ސިފަކުރައްވާ މުއިއްޒަށް ލިބިފައިވާ ރަންވަނަ ފާހަގަ ކުރައްވާ މުހައިމިން ވިދާޅުވީ އެ ޝަރަފު ހައްގު ކަމަށެވެ.

"އަޅުގަނޑު އެކަމާ އުފާވީ. އެކަމަކު މުޢިއްޒު ވީ ދެރަ އެކަމާ. އަޅުގަނޑަށް ރަންވަނަ ނުލިބި މުޢިއްޒު އަށް މި ވަނަ ލިބުމުން އެކަމަށް ވަރަށް ދެރަވެގެން އުޅުނު."
މުހައިމިން

މުހައިމިނާއި މުއިއްޒުގެ މަސައްކަތް ކުރުމުގެ ހުނަރު ކުޅަދާނައީއެވެ. މިފަދަ އެތަށް ބަޔަކު މި މުބާރާތުގައި ވަނީ ފެނިގެން ގޮސްފައެވެ. މި މުބާރާތުން ފެނިގެން ދާ ތަކެތިން ބުނެދެނީ އެތަށް ވާހަކަ އެކެވެ. އެތަށް ބައެއްގެ އުންމީދުގައި ކުލަޖެހި ވަނަތަށް ލިބިގެން ހިނގައްޖެއެވެ.