ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ސަލަފް ޖަމިއްޔާ އުވާލަން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ސަލަފް ޖަމިއްޔާ އާއި ޖިނާއީ ކުށް ކުރި އެންމެނަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދި މަޖިލީހުގެ 47 މެމްބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެއްވެސް ޖަމާއަތަކުން މީހުން މެރުމަށް ހިތްވަރު ދިނުމާއި މީހުން ހަނގުރާމައަށް ފޮނުވުމަށް ހިތްވަރުދޭ އެއްވެސް ބާވަތުގެ ވާހަކައެއް ދެކެވިގެން ނުވާނެ ކަމަށެވެ. އެކަމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ދެރައެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
"އެންމެ ފުރަތަމަ ދުވަހުވެސް އަޅުގަނޑު ދެންނެވިން، މިއީ އަޅުގަނޑުގެ ވިސްނުން، އަޅުގަނޑެއް ނޭދޭނެ ސަލަފް ޖަމާއަތް އުވާލާކަށް، އެހެން ނަމަވެސް އެއްވެސް ޖަމާއަތަކުން މީހުން އުވާލުމަށް ހިތްވަރުދޭ ބާވަތުގެ ނުވަތަ ހަނގުރާމައަށް މީހުން ފޮނުވުމަށް ހިތްވަރުދޭ އެއްވެސް ބާވަތުގެ ވާހަކައެއް ދެކެވިގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަލަފް ޖަމާއަތަށް ފިޔަވަޅު އަޅަން މަޖިލީހުން ނިންމާފައި އެވަނީ އޭގެ ތެރޭގައި މީހުން މެރުމާއި ހަނގުރާއަށް ހިތްވަރުދޭ އަމަލުތައް ހިންގާ ބޭފުޅުންނާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަލަފް ޖަމިއްޔާގައި "މޮސްކޯގެ ޖަލީލެއް" ވެސް އުޅުނު ކަމަށެވެ. މޮސްކޯ ޖަލީލަކީ ރާއްޖޭގައި ނުރައްކާތެރި އަމަލުތަކެއް ހިންގަން ސަލަފުން ރޭވި ކަމަށް ބުނާ އަލީ ޖަލީލެވެ. ސޯޝަލް މީޑިއާގައި ވަނީ ޖަލީލް 2009 ވަނަ އަހަރު މެއި މަހު ޕާކިސްތާނުގައި އަމިއްލަ އަށް މަރުވެގެން ސިފައިންގެ މަރުކަޒަކަށް ހަމަލާ ދީގެން މަރުވާ ވީޑިއޯއެއް އާންމުވެފައި ކަމަށެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުން ޖަލަފް ޖަމާއަތުގައި މޮސްކޯ ޖަލީލްވެސް އުޅުއްވީ، މޮސްކޯ ޖަލީލް ރާއްޖޭގައި ވަރަށް ގިނަ ކަންކަން ކުރައްވަން ވިސްނަވާފައި އޮތް، މީގެ ތެރޭގައި ބައެއް މީހުން މެރުމާ މިބާވަތުގެ ވަރަށް ގިނަ ކަންކަން ކުރުމަށް، އެންމެ ފަހުން މޮސްކޯގެ ޖަލީލަށްވެ ދިޔަ ގޮތަކީ ޕާކިސްތާނުގައި އަމިއްލަ ހަށީގައި ބޮން ހަރުކޮށްގެން އޭނާ އަމިއްލަ އަށް މަރުވެ ދިޔައީ. މިއީ ރާއްޖޭގެ ޖަމިއްޔާއެއްގެ ތެރޭގައި އުފެދޭ ރޫހެއްގެ ތެރެއަކުން ގޮސް ނުކުމެވޭނެ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެކެވިގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލާއާ ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސަލަފް ޖަމިއްޔާ އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނެއެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން އެ ރިޕޯޓު ވަނީ ދިރާސާކޮށްފައެވެ.
މަޖިލީހުން އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު 11 ކަމެއް ކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތައް މިހާރު ތިބި ތަންތަނާއި މިހާރު އެމީހުން ކުރަމުންދާ މަސައްކަތް ހޯދުން ހިމެނެއެވެ.
ހަމައެއާއެކު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ފައިސާ ބަދަލުކުރެވިފައިވާ ގޮތް ހޯދުމާއި ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބޭނުންކޮށްފައިވާ ގޮތް ހޯދުމުގެ އިތުރުން، ޑރ އަފްރާޝީމްގެ މަރާ ގުޅުން ހުރި މީހުން ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެކަން ތަފްސީލުކޮށް ހޯދުން ވެސް ހިމެނެއެވެ.
އެރިޕޯޓްގައި، އެނގި ތިބެ ޑރ. އަފްރާޝީމް އަލީގެ މަރު ފޮރުވަން މަސައްކަތް ކުރި މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅުއަޅަން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ އެކިއެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ މީހުންގެ ލިސްޓެއް މަޖިލީހުން އެކުލަވާފައިވާއިރު، އެ ލިސްޓުގައި ޑރ. ޝަހީމާއި އަދި އިތުރު 36 މީހަކު ވަނީ ފާހަގަކޮށްފައެވެ.