ގަވައިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވާން އުޅުމުގެ ތެރޭގައި، ފިނިކުރި ލޮރީއެއްގައި މަރުވެފައި އޮއްވާ ފެނުނު 39 މީހުންގެ ހަށިގަނޑުތައް، އެމީހުންގެ އުފަން ވަޒަން ކަމުގައި ވިއެޓްނާމްއަށް ގެންދަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ އެސެކްސްއިން މިދިޔަ މަހު ހިފެހެއްޓި ލޮރީ ތެރޭގައި މަރުވެފައި އޮތް 39 މީހުންނަކީވެސް ވިއެޓްނާމްއަށް އުފަން މީހުންނެވެ. މީގެ ތެރެއިން ފުރަތަމަ ބުރުގައި އިނގިރޭސިވިލާތުން ބޭރު ކުރި މީހުންގެ ހަށިގަނޑުގެ ބައިތައް މިއަދު ހެނދުނުގެ ވަގުތެއްގައި ވިއެޓްނާމްއަށް ފޯރާފައިވާކަމަށް ޚަބަރު ލިބެއެވެ. ފުރަތަމަ ބުރުގައި ގެންގޮސްފައިވަނީ 16 މީހެއްގެ ހަށިގަނޑުގެ ބައިތަކެވެ.

އިނގިރޭސިވިލާތުގެ އެސެކްސްއިން ފެނުނު ލޮރީ ތެރޭގައި އޭނާގެ ދަރިފުޅު ވެދާނެ ކަމަށް ބުނަމުންދިޔަ ބައްޕައެއް/ފޮޓޯ: ގެޓީ އިމޭޖަޒް

ބާކީ އޮތް 23 މީހުންގެ ހަށިގަނޑު ވިއެޓްނާމްއަށް ފޯރާނީ ކޮން ތާރީހުތަކެއްގައި ކަން އަދި ސާފެއް ނުވެއެވެ.

އެސެކްސްއިން ހިފެހެއްޓި ލޮރީ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު 39 މީހުންގެ ހަށިގަނޑުތައް އަނބުރާ ވިއެޓްނާމްއަށް ގެނައުމުގެ ޚަރަދުތައް ކުރަނީ އެމީހުންގެ އާއިލާތަކުންނެވެ. އެގޮތުން ބައެއް އާއިލާތަކުން މިކަން ކުރަނީ ބޮޑެތި ލޯނުތަކެއް ނަގާ، ދަރަނިވެރި ހާލުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ލޮރީ ދުއްވަން އިން މީހާ އަދިވެސް ހުރީ އިނގިރޭސިވިލާތު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.