މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ އިންތިގާލީ ނައިބް ރައީސް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާ އިންތިހާބު ކޮށްފިއެވެ.
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ އެމްއާރްއެމް ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ރަޖިސްޓާކޮށް ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އެމްއާރްއެމްގެ އިންތިގާލީ އެގްޒެކެޓިވް ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ރޭ ވަނީ ބާއްވާފައެވެ. އެބައްދަލުވުމުގައި ނައިބް ރައީސް ކަމަށް ޔުމްނާ އަދި ނާދިރާ ހޮވިފައިވަނީ ނެގި ސިއްރު ވޯޓަކުންނެވެ.
އެ ބައްދަލުވުމުގައި އެމްއާރްއެމްގެ ސެކެޓަރީ ޖެނެރަލްގެ މަގާމަށް އަބުދުލްއަލީމް ވެސް ވަނީ އިންތިހާބް ކޮށްފައެވެ. އޭނާ އެމަގާމަށް ހޮވިފައިވަނީ އެކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއާރްއެމް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ބާއްވައިފައެވެ. 300 މީހުންނާއެކު ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާގައި، ޕާޓީގެ ލޯގޯ އާއި އަސާސީ ގަވާއިދު ފާސް ކުރުމުގެ އިތުރުން އިންތިގާލީ މަގާމުތަކަށް މީހުން އައްޔަން ކުރުން އޮތެވެ.
އެޖަލްސާގައި އިންތިގާލީ ފަސް މަގާމަކަށް މީހުން އިންތިހާބު ކުރިއެވެ. ޕާޓީގެ ރައީސް ކަމަށް ހޮވިވަޑައިގަތީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މައުމޫން އެމަގާމަށް ހޮވިވަޑައިގަތީ އެ ޖަލްސާގައި ބައިވެރިވި މީހުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އަދި އެގްޒެކެޓިވް ކޮމިޓީއަށް 20 މެންބަރުންނާއި ޒުވާނުންގެ ކައުންސިލްގެ 30 މެންބަރުންނާއި އަންހެނުންގެ ކައުންސިލްގެ 20 އަންހެން މެންބަރުން ވަނީ ހޮވާފައެވެ.