ގދ. މަޑަވެލީގައި މަސް ހިފަސް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ގަމަރީ، މުހައްމަދު ސައީދު 72، އެވެ.

މަޑަވެލި ކައުންސިލްގެ ނައިބް ރައީސް އައްޒާމް މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ އެމީހާ ފެނިފައިވަނީ ރޭ ދަންވަރު 12:10 ހާއިރު ކަމަށާއި އެމީހާ ފެނިފައިވަނީ މޫދުގައި އޮއްވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމުން، ޑޮކްޓަރުން ބެލުމަށްފަހު އެމީހާ މަރުވެފައިވާ ކަމަށް އެންގި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ކުރަންޖެހޭ ތަހުގީގުތައް ކުރުމަށް ފަހު އެމީހާ ވަޅުލާފައިވަނީ ރޭ ފަތިސް ނަމާދަށްފަހު ކަމަށްވެސް އައްޒާމް ވިދާޅުވިއެވެ.

"ފެނުނީ އެހާ ފުން ހިސާބަކުން ނޫން، ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު، ޑޮކްޓަރުން ބަލާފަ ބުނީ މަރުވެފައިވާ ކަަމަށް،" އައްޒާމް ވިދާޅުވިއެވެ.

އެމީހާ މަސް ހިފަން ނުކުތީ މަޑަވެލި ފަރުމައްޗަށެވެ. އަދި މަސް ހިފަން ނުކުތީ އެކަންޏެވެ. އެމީހާ މަސް ހިފަން ދިޔައީ ދަލެއް ހިފައިގެން ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ މެންދުރުފަހު 1:00 ހާއިރުން ފެށިގެނެވެ.