އާންމު އެކަހެރި ބިންތަކަށް ގަޟާޙާޖާ ކުރުމުގެ މައްސަލައަކީ އިންޑިއާގެ ރަށްފުށު ހިސާބުތަކުންވެސް މުޅިން ފޮހެލެވިފައިވާ ކަމެއް ކަމަށް އިންޑިއާގެ ސަރުކާރުން ބުނިނުމަށް ގޮންޖަހާ، އެއާއި ދިމާ އިދިކޮޅު ވާހަކަތަކެއް ބުނާ ރަސްމީ ރިޕޯޓެއް އާންމުކޮށްފިއެވެ.

އިންޑިއާގެ ގައުމީ ތަފާސް ހިސާބުތަކާ ބެހޭ އިދާރާ (އެންއެސްއޯ)އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިންޑިއާގެ ރަށްފުށު ހިސާބުތަކުގައި ކުރިއަށް ގެންދިޔަ ސާވޭގައި ހިމެނުނު ގެތަކުގެ ތެރެއިން 4 ބައިކުޅަ 1 ބަޔަށްވުރެ ގިނަ ގެއަކީ މިދިޔަ އަހަރުވެސް ފާޚާނާއަކަށް ގަޟާޙާޖާ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ގެތަކެކެވެ.

ކަންމިހެން އޮތް ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، އިންޑިއާގެ ހުރިހާ އަވަށާކީ އާންމު ތަންތަނަށް ގަޟާޙާޖާ ކުރުމުގެ އަމަލުތަކުން 100 ޕަސެންޓް ތާހިރުވެފައިވާ ސަރަހައްދުތަކެއް ކަމަށް ވިދާޅުވެފައެވެ. އެއީ އިންޑިއާ ސަރުކާރުން ކުރިއަށް ގެންދިޔަ ނަރުދަމާއާއި ފާޚާނާ އިމާރާތްކުރުމުގެ ނަތީޖާ ކަންވެސް އިންޑިއާގެ ސަރުކާރުން އޭރު ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގައި އާންމު ހާމަ ބިމަކަށް ގަޟާޙާޖާ ކުރުމަށް ހައްލު ހޯދުމަށް އަޅާފައިވާ އާންމު ފާޚާނާ ބަރިއެއް ކައިރީގައި ކުޑަ ކުއްޖަކު/ފޮޓޯ: ހީލްސް

އެންއެސްއޯގެ ރިޕޯޓް ބުނީ ކީކޭ؟

އެންއެސްއޯގެ ރިޕޯޓަކީ މިދިޔަ އަހަރުގެ ޖުލައި މަހާ ޑިސެމްބަރު މަހާ ދެމެދު ކުރިއަށް ގެންދިޔަ ސާވޭއަކަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ސާވޭގައި އިންޑިއާގެ ރަށްފުށު ހިސާބުތަކާ، ތަރައްގީ ވެފައިވާ ހިސާބުތައް ހިމެނޭ ގޮތަށް 100000 ގޭބީސީއެއް ވަނީ ބައިވެރިކޮށްފައެވެ.

އެންއެސްއޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރަށްފށުށު ހިސާބުތަކުން 71.3 ޕަސެންޓް ގޭބިސީއަށް ފާޚާނާއަކަށް ގަޟާޙާޖާ ކުރުމުގެ ފުރުސަތު އޮތްކަމަށް ދައްކައެވެ. ނަމަވެސް މީގެ ތެރެއިން 3.5 ޕަސެންޓް މީހުންނަކީ ފާޚާނާ ބޭނުންކުރާ މީހުން ނޫންކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ޓެމިލް ނާޑޫ ސްޓޭޓްގެ މައްމަލަޕޫރަމްގެ ގޮނޑުދޮށް ސާފުކުރައްވަނީ/ ވީޑިއޯ ސްކްރީން ގްރޭބް: ޓްވިޓާ

ފާޚާނާ ނެތް ގޭބިސީ އެންމެ ގިނައީ އޮރިއްސާގައެވެ. އޮރިއްސާގައި ސާވޭ ކުރި 2 ބައިކުޅަ 1 ބައި ގޭބިސީއަށް ފަޚާނާއަކަށް ގަޟާޙާޖާ ކުރުމުގެ ފުރުސަތު ނެތެވެ. ކަރުނާޓަކާ ސްޓޭޓަށް ބަލާއިރު މިއަދަދު އުޅެނީ 30.1 ޕަސެންޓްގައެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ ސަރުކާރުން އެކުލަވާލި އެހެން ރިޕޯޓެއް ބުނާ ގޮތުގައި 2018-2019 ވަނަ އަހަރާ ދެމެދު މުއްދަތުގެ ތެރޭގައި އިންޑިއާގެ ރަށްފުށު ހިސާބުތަކުން ގަޟާޙާޖާ ކުރުމަށް ފާޚާނާއެއް ބޭނުންކުރުމުގެ ފުރުސަތު 93 ޕަސެންޓް ގޭބިސީއަށް ލިބިފައިވާކަމަށް ދައްކައެވެ.

ސަރުކާރުން އެޅީ ކިތަށް ފާޚާނާ؟

އިންޑިއާގެ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފާޚާނާ އެޅިކަމީ ދޮގު ކުރެވޭނެ ވާހަކައެއް ނޫނެވެ. ރަށްފުށު ހިސާބުތަކުގައި އެކަނިވެސް އެތައް މިލިއަން ފާޚާނާއެއް ވަނީ އަޅާފައެވެ.

މިހާރު ވެރިކަން ކުރަމުންދާ ބީޖޭޕީ ސަރުކާރުގެ 2 ދައުރަށް ބަލާއިރު އެންމެ ގިނައިން ފާޚާނާ އަޅާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރު ތެރޭގައި މުޅިން އަލަށް 30 މިލިއަނެއްހާ ފާޚާނާ އަޅާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

އާންމު ތަންތަނަށް ގަޟާޙާޖާ ކުރުން އަދިވެސް އެބަ ހިނގާތަ؟

އިންޑިއާގައި މިހާރު ވެރިކަން ކުރަމުން އަންނަ ބީޖޭޕީއިން އެގައުމުގެ ވެރިކަމާ 2014 ވަނަ އަހަރު ހަވާލުވުމުގެ ކުރިންވެސް އާންމު ތަންތަނަށް ގަޟާޙާޖާ ކުރާ މިންވަރު ވަނީ ދަށަށް ދާން ފަށާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ޔުނިސެފްގެ ރެކޯޑްތަކަށް ބަލާއިރު، 2009 ވަނަ އަހަރުން ފެށިގެން މިއަދަދު ވަނީ ދަށަށް ދާން ފަށާފައެވެ.

އިންޑިއާގައި އާންމު ހާމަ ބިމަކަށް ގަޟާޙާޖާ ކުރުމަށް ހައްލު ހޯދުމަށް އަޅާފައިވާ އާންމު ފާޚާނާ ބަރިއެއްގެ ތެރޭގައި މީހަކު/ފޮޓޯ: ސްވާރަޖްޔާ

ކަންމިހެން އޮތް ނަމަވެސް، އާންމު ހާމަ ބިންތަކަށް ގަޟާޙާޖާ ކުރުމުގެ މުޑުދާރު އަމަލަކީ އިންޑިއާގައި އަދިވެސް އާންމުވެފައިވާ ވަބާއެކެވެ.

މިއަހަރުގެ ކުރީކޮޅު އާންމުކުރި ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުގެ އުތުރުގެ ރަށްފުށު ހިސާބުތަކުގެ އާބާދީގެ 44 ޕަސެންޓް މީހުން އަދިވެސް ގަޟާޙާޖާ ކޮށް އުޅެނީ އާންމު ހާމަ ބިންތަކަށެވެ. މިކަން މިހެން ހިނގަނީ ސަބަބެއް ނެތިއެއް ނޫންކަމަށްވެސް ބުނެވިދާނެއެވެ. އެގޮތުން:

  • ގިނަ ފާޚާނާތަކެއް ގުޅާފައިވާ ސެޕްޓިކް ޓޭންކްއަކީ ގާތްގަނޑަކަށް 5-7 އަހަރާ ދެމެދު މުއްދަތެއްގައި ފުރޭ ނިޒާމަކަށް ވުން،
  • ނުބައިކޮށް ފަޚާނާ އަޅާފައިވުމާ މެއިންޓަނަންސް މަސައްކަތްތަކުގައި ކަމާ ބެހޭ ފަރާތްތަކުން ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ބައެއް ފާޚާނާތަކުގެ ބޭނުން ނުކުރެވުން،
  • ދޮށީ އުމުރުގެ މީހުން ޒަމާނުއްސުރެ ކަން ކުރަމުން އައި "ސަގާފަތް" ދޫކޮށްލަން ގަބޫލު ނުވުން ފަދަ ތަފާތު ސަބަބުތައް މީގެ ތެރޭގައި ހިމެނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވާހަކަފުޅު ދައްކަވަނީ/ފޮޓޯ: އޭއެފްޕީ

ސަރުކާރުން ޖަވާބުގައި ބުނަނީ ކީކޭ؟

އިންޑިއާގެ ފާޚާނާ އިންގިލާބުގެ ހަގީގީ މަންޒަރުތައް ހާމަވަމުންދާ ތަފާސް ހިސާބުތަކާ އިންޑިއާ ސަރުކާރުގެ ވާހަކަ ދިމާނުވާއިރު، މިކަމަށް ރައްދު ދެމުން އިންޑިއާގެ ސަރުކާރުންވަނީ، މިނިވަން ސާވޭތަކުން މިކަން ހާމަވަނީ ސާވޭ ކުރުމުގައި ބޭނުންކުރި އުސޫލުތަކުގައި ޚިލާފުތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

2018-2019 އަހަރު ހިމެނޭ ގޮތަށް އިންޑިއާގެ ސަރުކާރުން އެކުލަވާލި ތަފާސް ހިސާބުތަކަކީ ވާލްޑް ބޭންކްއާއި ޔުނިސެފުން ބަލައިގެންފައިވާ އުސޫލުތަކެއްގެ ދަށުން ކުރިއަށް ގެންދިޔަ ސާވޭތަކެއް ކަމަށް އިންޑިއާ ސަރުކާރުން ވަކާލާތުކުރެއެވެ.