ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، މަސައްކަތްތެރީންގެ ހުނަރު ދައްކުވައިދޭ "ފަންނު އެކްސްޕޯ 2019"، މައުރަޒު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަންނު އެކްސްޕޯ ބައްލަވާލެއްވުމަށް މިއަދު ހަވީރު ފަންނު އެކްސްޕޯ އޮތް ސަރަހައްދަށް ވަޑައިގެން އެ މައުރަޒުގެ ގިނަ ސްޓޯލްތައް ބައްލަވާލައްވައި މަސައްކަތްތެރީންނާއި ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން ފަންނު އެކްސްޕޯގައި ދައްކާލަން ބަހައްޓާފައިވާ ސަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދޭ އެކިއެކި އުފެއްދުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް ބައްލަވާލައްވައި ފަންނުވެރިންނަށް މިރޮނގުގައި ކުރިޔަށްދިއުމަށް ހިތްވަރުދެއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ފަންނު އެކްސްޕޯއަކީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން މިމަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދާ މައުރަޒެކެވެ.

މިއަހަރުގެ ފަންނު އެކްސްޕޯގައި 350 ފަރާތަކުން ތިރީސްހާސް އުފެއްދުން ބައިވެރިކޮށްފައިވެއެވެ. މިއީ ފަންނުވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓްކުރުމަށް އެހީވެދިނުމުގެ ގޮތުން ކުރިޔަށްގެންދާ މައުރަޒެކެވެ