މިއަދު ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމަށް ބަލާލުމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ނެތްކަމުގެ އިހުސާސް ކުރެއްވެމުންދާ ކަމަށް އެމަނިކުފާނު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމްގެ ފޭސްބުކްގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީނާ މެދު އޭނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ބާރު ދިނުމަށް އެމަނިކުފާނުގެ އަތްޕުޅުގައި ޝަހީމް ހިއްޕެވި ހިއްޕެވުމަކީ ހައްގު ހިއްޕެވުމެއް ކަމުގައި މިއަދު އިތުރަށް ޔަޤީން ކުރެއްވޭ ކަމަށާއި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އިސްލާމްދީނާއި ދިވެހި ގައުމުގެ މިނިވަންކަމަށް ލޮޅުމެއް އަރާފާނެ އެއްވެސް ކަމަކަށް ޖާގައެއް ނުދެއްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އިސްލާމްދީނުގެ އަދާވާތްތިރެ ބާރުތައް ބަލިކަށިކުރެއްވިއެވެ. ކިއެއްތޯއެވެ. އެމަނިކުފާނު މަސައްކަތް ކުރައްވާފައިވަނީ ހަރުކަށި ފިކުރުގެ މީހުން ވެސް ނަސޭހަތްދީގެން ރަނގަޅުކޮށް މުޖުތަމައަށް ގެނައުމަށެވެ. އަދި ކައުންޓަ ޓެރަރިޒަމް ސެންޓަރު ވެސް އުފައްދަވައި ގާނޫނޫ އެކުލަވާލައްވައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި އިސްލާމީ ތައުލީމު ފުޅާކުރައްވައި އަރަބި ބަސް ދިރުއްވައި އިސްލާމް ގުރުއާން މަޖްބޫރު މާއްދާއެއްކަމުގައި ހަދާ ގައުމު ތަރައްގީކުރައްވައި ސްކޫލްތަކުގައި ވެސް އަރަބި ބަސް ވަކި މާއްދާއެއްގެ ގޮތުގައިކިޔަވައި ދެއްވުމަށް ކަނޑައަޅުއްވައި އެކަން ފެއްޓެވިއެވެ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކުރައްވައި ހާފިޒުން އިތުރު ކުރައްވައި އިސްލާމިކް ޔުނިވާސިޓީ އުފައްދަވައި، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ އިދާރީ ކަންކަން ފުޅާކުރައްވައި އައުގާފުތައް ބިނާކުރެއްވުމަށް އެހީތެރިވެދެއްވި ކަމަށެވެ. މީގެއިތުރުން އިސްލާމީ އުންމަތާއި ރައީސް ޔާމީންގެ ވެރިކަމުގައި ގުޅުން ބަދަހި ކުރެއްވި ކަަމަށެވެ.

"އެމަނިކުފާނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރީ ބޭރުގެ އިސްތިޢުމާރީ ބާރުތައްފަހަތުގައި ތިބެގެން ސިއްރު އެޖެންޑާއެއްގެ ދަށުންކަން މިއަދު މިދަނީހާމަވަމުންނެވެ. ރައީސް ޔާމީނަށް ސަލާމަތާ ރައްކާތެރިކަމަށް އެދެމެވެ،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތައުރީފު ކުރައްވާ ޝަހީމް މިފަދައިން ވިދާޅުވިއިރު ޝަހީމަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ (241) ކޮމެޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފައެވެ. 241 ކޮމެޓީން ވަނީ ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން މީހުންނާއި، މައުލޫމާތު އެނގި ތިބެ ސިއްރު ކުރި މީހުންނާއި މައުލޫމާތު ދިނުމަށް ލަސްކުރި މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުން ވެސް ކޮމިޓީގެ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ލިސްޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ނަން ހިމެނެއެވެ.