ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ވީ އެންމެ އަވަހަކަށް ޕާކިސްތާނުގައި އަވަސް އިންތިހާބެއްގެ ވޯޓުލުން އަލުން ކުރިއަށް ގެންދިއުމަށް އެގައުމުގެ ނުފޫޒުގަދަ ދީނީ އިމާމު އަދި ޖަމީއަތު އުލެމާއީ އިސްލާމް ފަޒުލް (ޖޭޔޫއައި-އެފް)ގެ އިސްވެރިޔާ ފަޒްލުއް ރަހުމާން ގޮވާލައިފިއެވެ.

ޕްރައިވެޓް މީޑިއާއަކަށް ދިން ބަސްދީގަތުމަކާ ހަވާލާދީ އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި ޕާކިސްތާނުގެ އިދިކޮޅު ޖޭޔޫއައި-އެފްގެ ލީޑަރު ވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިސްތިއުފާއަށް ސާފު އިބާރާތުން ގޮވާލާފައެވެ. އަދި ޕާކިސްތާނުގެ ރަހުބާ ކޮމިޓީއިން ބޭނުންވަނީ ބޮޑުވަޒީރުގެ އިސްތިއުފާއާއި އެއްފަދަ ފިޔަވަޅެއް އެޅުމަށްވެސް އެފަރާތުން ގޮވާލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ރަހްބާ ކޮމިޓީއަކީ ޕާކިސްތާނުގެ ސަރުކާރާ އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ އިއްތިހާދީ ގޮތްޕެކެވެ.

ފަޒްލުއް ރަހުމާން ވަނީ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ރޭވިގެންދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދުގެ ވަގުތެއްގައި ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންދާނެ ކަންވެސް ހާމަކޮށްފައެވެ. ކަންމިހެން އޮތްއިރު، ޕާކިސްތާނު މުސްލިމު ލީގު ނަވާޒް (ޕީއެމްއެލް-އެން)އިން މި ބައްދަލުވުމުގައި ބައިވެރިނުވާނެ ކަމުގެ ޚަބަރުތަކެއް ވަނީ ފެންމަތިވެފައެވެ.

ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ވެރިރަށް އިސްލާމް އާބާދުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށްފަހު އެ މުޒާހަރާތަކުގެ ފޯރި ކުޑަވެ، ރަށުފުށު ހިސާބުތަކަށް ވަނީ ބަދަލުވެފައެވެ.