ވޭދުވެދިޔަ 5 އަހަރު ދީނީ ހަރުކަށި ފިކުރުގެ 199 މައްސަލަ ފެންމަތިވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފުލުހުން ތައްޔާރުކޮށްފައިވާ ދީނީ ހަރުކަށި ފިކުރުގެ ތަފާސް ހިސާބުތަކުގައި ޖުމްލަ 199 މައްސަލައެއް ހިމެނެއެވެ. އޭގެ ތެރޭގައި، 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުމާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް، ދީނީ ދަރުސް ދިނުމާއި ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމާއި ގުޅޭ އެކި އެކި މައްސަލަތައް ހިމެނެއެވެ.

18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުވުން

ވޭތުވެދިޔަ ފަސްއަހަރު ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުވުމުގެ 3 މައްސަލައެއް 2014 ވަނަ އަހަރު ފެންމަތިވެފައިވާއިރު، އޭގެ ތެރެއިން ފުލުހުން ބަލާފައިިވަނީ ދެ މައްސަލައެވެ. އަދި 2015 ވަނަ އަހަރު މި ބާވަތުގެ އެއް މައްސަލަ ފައިލްކޮށްފައިވާއިރު 2016 ވަނަ އަހަރު މިބާވަތުގެ މައްސަލައެއް ވަނީ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުވެސް މިބާވަތުގެ މައްސަލައެއް ފައިލް ކޮށްފައިވާއިރު މިއަހަރު މިހާތަނަށް މިފަދަ މައްސަލައެއް ފެންމަތިވެފައިވާ ކަމަކަށް ފުލުހުންގެ ތަފާސްހިސާބުތަކަކުން ނުދައްކައެވެ.

ކުޑަކުދިންނަށް ވެކްސިން ނުދިނުން

ވޭތުވެދިޔަ ފަސްއަހަރު ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ އެއް މައްސަލަ 2014 ވަނަ އަހަރު ފެންމަތިވެފައިވާއިރު، 2015 ވަނަ އަހަރު 3 މައްސަލަ ފެންމަތިވެ، ތިން މައްސަލަ ވެސް ފުލުހުން ބެލުމަށްފަހު އޭގެ ތެރެއިން ދެ މައްސަލަ ވަނީ ފައިލް ކޮށްފައެވެ. އަދި 2016 ވަނަ އަހަރު މިބާވަތުގެ މައްސަލައެއް ފައިލްކޮށްފައިވާއިރު 2017 ވަނަ އަހަރު މިބާވަތުގެ 3 މައްސަލަ ފެންމަތިވެ، ދެ މައްސަލަ ފުލުހުން ބަލާ، އެއް މައްސަލަ ވަނީ ފައިލްކޮށްފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު 2 މައްސަލަ ފެންމަތިވެ އެއް މައްސަލަ ބަލާފައިވާއިރު އަނެއް މައްސަލަ ވަނީ ފައިލް ކޮށްފައެވެ. އަދި މިއަހަރު މިހާތަނަށް ވެކްސިން ނުދިނުމުގެ 3 މައްސަލަ ފެންމަތިވެ، އޭގެ ތެރެއިން ދެ މައްސަލަ ބަލާ، އެއް މައްސަލަ ފައިލްކޮށްފައިވެއެވެ.

ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދިނުން

ވޭތުވެދިޔަ ފަސްއަހަރު ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދީގެން ފެންމަތިވެފައިވާ ހުރިހާ މައްސަލައެއްވެސް ފުލުހުން ވަނީ ބަލާފައެވެ. އެގޮތުން 2014 ވަނަ އަހަރު މީގެ 5 މައްސަލަ ފެންމަތިވެެ، ތިން މައްސަލަ ފައިލް ކޮށްފައިވާއިރު، 2015 ވަނަ އަހަރު މީގެ ދެ މައްސަލަ ވަނީ ފައިލްކޮށްފައެވެ. އަދި 2016 ވަނަ އަހަރު މިބާވަތުގެ 4 މައްސަލަ ފެންމަތިވެފައިވާއިރު، ދެ މައްސަލަ ފައިލް ކޮށްފައިވެއެވެ. 2017 ވަނަ އަހަރު މިބާވަތުގެ އެއް މައްސަލައެއް ފެންމަތިވެ، ދެ މައްސަލަ ފައިލްކޮށްފައިވާއިރު 2018 ވަނަ އަހަރުވެސް ވަނީ މިބާވަތުގެ މައްސަލައެއް ފައިލްކޮށްފައެވެ. މީގެ އިތުރުން މިއަހަރު މިހާތަނަށް ފުލުހުން ވަނީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ދީނީ ދަރުސް ދިނުމުގެ 2 މައްސަލަ ބަލާފައެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން، އެފަދަ ޖަމާއަތަކަށް މީހުން ރެކްރޫޓް ކުރުން ނުވަތަ ފައިސާގެ އެހީވުން

ވޭތުވެދިޔަ ފަސްއަހަރު ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމާއި އެފަދަ ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ނުވަތަ ފައިސާގެ އެހީވުމުގެ މައްސަލައެއް އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ 2016 ވަނަ އަހަރެވެ. އެގޮތުން އެ އަހަރު ޓެރަރިސްޓް ޖަމާއަތަކަށް މީހުން ރެކްރޫޓް ކުރުމުގެ 2 މައްސަލަ ފެންމަތިވެ، އެއް މައްސަލަ ބަލާފައިވެއެވެ. 2017 ވަނަ އަހަރު ރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމާއި އެފަދަ ޖަމާއަތަށް މީހުން ރެކްރޫޓް ކުރުމުގެ ދެ މައްސަލަ ފެންމަތިވެ، ދެ މައްސަލަ ބެލުމަށްފަހު ތިން މައްސަލަ ވަނީ ފައިލް ކޮށްފައިވާއިރު، 2018 ވަނަ އަހަރުވެސް މިބާވަތުގެ 2 މައްސަލަ ފެންމަތިވެ، 2 މައްސަލަ ފުލުހުން ބަލާ، އޭގެ ތެރެއިން އެއް މައްސަލަ ފައިލްކޮށް، އެއް މައްސަލަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. މީގެ އިތުރުން މިއަހަރު މިހާތަނަށް މި ތިން ބާވަތުގެ ޖުމްލަ 10 މައްސަލަ ފެންމަތިވެ، 5 މައްސަލަ ފުލުހުން ބަލާފައިވާއިރު މީގެ ތެރެއިން އެއް މައްސަލަ ވަނީ ފައިލްކޮށްފައެވެ.

ޓެރަރިޒަމަށް ހިތްވަރުލިބޭފަދަ ކަމެއް ކުރުން، އެއްޗެއް ލިޔުން ނުވަތަ މުއާމަލާތްކުރުމާއި ޓެރަރިޒަމްގެ އެހެނިހެން ކުށް

ވޭތުވެދިޔަ ފަސްއަހަރު ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ޓެރަރިޒަމަށް ހިތްވަރުލިބޭފަދަ ކަމެއް ކުރުން، އެއްޗެއް ލިޔުން ނުވަތަ މުއާމަލާތްކުރުމާއި ޓެރަރިޒަމްގެ އެހެނިހެން ކުށްތަކުގެ ޖުމްލަ 155 މައްސަލަ ވަނީ ފެންމަތިވެފައެވެ. މީގެ ތެރެއިން 81 މައްސަލަ ފުލުހުން ބަލާފައިވާއިރު، 53 މައްސަލަ ވަނީ ފައިލް ކޮށްފައެވެ. އަދި މިހާތަނަށް ޖުމްލަ 10 މައްސަލައެއް ވަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ވޭތުވެދިޔަ ފަސް އަހަރު ދީނީ ހަރުކަށި ފިކުރުގެ ޖުމްލަ 199 މައްސަލައެއް ފެންމަތިވެފައިވާއިރު ފުލުހުން ބަލާފައިވަނީ އޭގެ ތެރެއިން 111 މައްސަލައެވެ. އަދި އޭގެ ތެރެއިން 76 މައްސަލަ ފުލުހުން ފައިލްކޮށްފައިވާއިރު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ 14 މައްސަލައެވެ.