ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރަން ނިންމައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވައި، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ ވަކި ކުރަން ޖޭއެސްސީއިން ފޮނުވާފައިވާ މައްސަލަ މާދަމާ އިއުލާން ކުރަން ރިޔާސަތުން ނިންމާފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ދާދިފަހުން މިދައުރުގައި މިވަނީ ވަކި ކުރެވިފަ، އަދި އެއަށްފަހު އެއް ފަނޑިޔާރު ވަނީ އިސްތިއުފާ ދެއްވާފަ، މިކަން މިގޮތަށް ހިނގީމަ ހުރިހާ ފަނޑިޔާރުން އެބަދަލުވީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފަނޑިޔާރުން އެކަނި ބަދަލުވެގެން ޝަރުއީ ނިޒާމް އިސްލާހުވެދާނެ ކަމަށް އެމަނިކުފާނު ނުދެކޭ ކަމަށެވެ. ފަނޑިޔާރުންގެ އިތުރުން، ނިޒާމްތައް ހަރުދަނާ ކުރުމާއި މީހުން ތަމްރީން ކުރުމަކީވެސް މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ފަނޑިޔާރުންނަށް ދިމާވާ މައްސަލަތަކާއި ގުޅޭ ގޮތުން އަޅާލުމާއި، ވަރަށް ގާތުން ހުރިހާ ފަނޑިޔާރުންގެ ބަލަމުން ގެންދިއުން، އެއީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރާން ހުރި ކަންކަން،" ނަޝީދު ވިދާޅުވިއެވެ.

ޖޭއެސްސީން ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމާފައިވަނީ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ފަނޑިޔާރު ޣަނީ ކުރައްވާފައިވާ ކަމަށް ފެންނާތީ ކަމަށެވެ.

ފަނޑިޔާރު ޣަނީ ވަކި ކުރަން މާދަމާއަށް އެޖެންޑާ ކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައެވެ. އެދެ ފަނޑިޔާރުންގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވެސް ވަނީ މަގާމުން ވަކި ކޮށްފައެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ މިހާރުގެ ރައްޔިތުންގެ މަޖިލީހުން ކޯޓުގެ ފަނޑިޔާރު ކަމަށް ފާސްކުރި ތިން ބޭފުޅުން ކަމަށްވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.