ހުޅުމާލޭގައި މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލާގައި ހައްޔަރުކުރި އެމްޓީސީސީގެ ބަސް ޑްރައިވަރު ކޯޓުން ދޫކޮށްލައިފިއެވެ. އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ބަސް ޑަރައިވަރު އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރިއަށް ގެންދަން ނުފެންނާތީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ކޮޅުން ހައިވޭއަށް އަރާ ސަރަހައްދުން ބަސް ޓާމިނަލް ކައިރިން ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖަކެވެ. އަދި އެ ހާދިސާގައި ސައިކަލް ދުއްވަން އިން އެއަންހެން ކުއްޖާގެ މަންމަ، އަށް ވަނީ އެކިވަރުގެ އަނިޔާ ލިބުމާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިއެވެ.

ކުޑަ ކުއްޖަކު ނިޔާވި މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލުގައި ދެމައިން ދަނިކޮށް، ދުއްވަމުން ދިޔަ އެމްޓީސީސީގެ ބަސް ސައިކަލުގެ ފަހަތުން ޖެހުމުންނެވެ.

އެމްޓީސީސީއިން އެކަމާ ގުޅިގެން މީގެ ކުރިން ބުނެފައިވަނީ އެ ބަސް އެކްސިޑެންޓްވި ކަން އޭގެ ޑްރައިވަރަށް ނޭނގޭ ކަމަށެވެ. އަދި ޑްރައިވަރަށް ރޭކާލީ ހައިވޭގެ ޔޫޓާން ނަގާ ހިސާބުން ފުލުހުން އެ ބަސް ހުއްުވުމުން ކަމަށެވެ.