ދީބާޖާއަށް 174 މިލިއަން ރުފިޔާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ސެޓުލްމަންޓް ކޮމިޓީއިން އެގޮތަށް ލަފާދީފައިވާތީ ކަމަށާއި، ނަމަވެސް މި އަދަދު ދޫކުރާނީ އެއްކޮށްތޯ ނުވަތަ އިންސްޓޯލްމެންޓަށްތޯ އަދި ނިންމާފައި ނުވާ ކަމަށެވެ.

ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ. އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ.

އެ ކުންފުންޏަށް އެއްބަސްވުމުގެ ދަށުން ވަނީ ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަންވެސް ލާޒިމްކޮށްފައެވެ. ނަމަވެސް ސަރުކާރުން އެ ބިންތައް ދީބާޖާއަށް ދޫކޮށްފައެއް ނުވެއެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެގޮތަށް ކަނޑައެޅީ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމަށް ބެލުމަށްފަހުއެވެ. އެހެންވެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރިއެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ދީބާޖާއިން އިސްތިއުނާފު ކުރިއެވެ. އަދި އިސްތިއުނާފު ކުރިއިރު އެ ކުންފުނިން ރިއާޔަތް ކޮށްފައިވަނީ ވެސް އެންމެ ކަމެއްގެ މައްޗަށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ.

އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު ސަރުކާރުން ވަނީ އެއީ އެންމެ އެ ކުންފުންޏަށް ދޭން އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ބުނެ، އެ އަދަދު ނެގޯޝިއޭޓް ކޮށްފައެވެ.