ހަފްތާ ބަންދު އައި އިރު ދިވެހިން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ނޫސްތަކުން ހަބަރު ކިއި އެތައްބަޔަކު ތިބީ ޝޮކެއްގައެވެ. ސައި ހޮޓާ ތަކުގައާއި ކަންމަތީ ފިހާރަތަކުގައާއި އާއިލާ ތެރޭގައާއި ރައްޓެހިން ބައްދަލުވާ ހިނދު އެންމެންވެސް ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. މި ދެކެވެނީ ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭ "ހައްދު ފަހަނައަޅާފައިވާ" މީހުންގެ ވާހަކައެވެ.
މި ވާހަކައަކީ އެތައް މަޔަކާއި ބަފައެއްގެ ލަގޮނޑީގައި ރިއްސާލި ހަބަރެކެވެ. ރ. މަޑުއްވަރީއަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނަކު ކައިވެނީގެ ގޮތުން 13 އަހަރުގެ އަންހެން ކުއްޖަކާ ގުޅިގެން އުޅޭ ކަމަށް ބުނާ ވާހަކައެވެ. އެގޮތުން 13 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުންނާއި ޖެންޑާއިން ބަލާފައިވާ ކަމަށް އެފަރާތުން ބުނި ވާހަކައެވެ. ޝަރުއީގޮތުން ކައިވެނިކުރާ އުމުރަށް ވުރެ ހަގު އުމުރެއްގައި ކައިވެނި ކޮށްފައިވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކުގެ ހަގީގަތަކީ އެއީ ވަގަށް ކޮށްފައިވާ ކައިވެންޏެއް ކަމަށެވެ. އެ ކައިވެންޏަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކައިވެންޏެއް ނޫނެވެ. ދެން ސުވާލު އުފެދެނީ އެފަދައިން ކައިވެނިކޮށްގެން އުޅެވޭ ހެއްޔެވެ؟
ރާއްޖޭގައި ދީނީ ހަރުކަށި ފިކުރާއި އެކި އެކި ކަންކަމުގައި ހައްދުފަހަނައަޅާ ގޮސްފައިވާ ބަޔަކު އުޅޭ ކަމުގެ ވާހަކައަކީ އަބަދުވެސް ތުންތުންމަތިން ދެކެވެމުން ދާ ވާހަކައެކެވެ. ނަމަވެސް މި މައްސަލަ ބޮޑުވެގެން މި އައީ ދާދި ފަހުން ހިނގައިގެން މިއުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ.
އެއް އާއިލާއަކަށް ނިސްބަތްވާ ކުޑަކުދިންތަކަކަށް ލިބެންވާ ތައުލީމާ ސިއްހީ ހައްގުތަކުން މަހްރޫމު ކޮށްފައިވާ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ފުލުހުންނާއި ޖެންޑާއިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އޭގެފަހުން ފުލުހުންނާއި ޖެންޑާއިން ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ގާތުން ބަލަމުން އަންނަ ކަމަށް ނޫސްބަޔާނުގައި ވެއެވެ. އަދި އެ މައްސަލާގައި ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން އެނގިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.
މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ ހިޔާލު ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި ހައްގު މަގުގައި އުޅޭތީ ބަަޔަކަށް އެކަން ހަރުކަށި ފިކުރަކަށް ވަނީއެވެ. ހަމައެއާއެކު އެބައެއްގެ އަންހެން ދަރިން ފިރިހެން ކުދިންނާ އެކުވެ މަސްހުނިވާ ގޮތަށް ކިޔަވަން ފޮނުވަން ފަސްޖެހެނީއެވެ. އަދި އެކުދިން ސްކޫލަށް ނުފޮނުވާ ބައިތިއްބަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުއްދަ ނުދޭތީއެވެ.
މިތަނުގައި އެޑިއުކޭޝަނުން ހުއްދަ ނުދޭ ކަމަށް ބުނާ ބުނުން ރައްދު ވަނީ މޫނު ބުރުގާ އެޅި ކުދިންނަށް ހާއްސަ ސްކޫލެއް ނުހުންނާތީ ކަމަށް ވެދާނެއެވެ. އެ ފަދައިން މޫނު ނިވާ ކޮށްގެން، ރާއްޖޭގައި މިހާރު ހިންގަމުންދާ ސްކޫލަތަކަށް ކިޔަވަން ނުދެވޭތީ ކަމަށް ވެސް ވެދާނެއެވެ. އެހެންވީ އިރު މިފަދަ ކުދިންނަށް ހާއްސަކޮށް ކިޔަވައި ދިޔުމަށް ސްކޫލެއް އެޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. މި މުޖުތަމައުގައި ކުދި ބަޔަކު އަސާސީ ތައުލީމުން މަހްރޫމްވެގެން ތިބެން އެއްވެސް މީހަކު ނޭދޭނެ ނޫން ހެއްޔެވެ.
ދެން މިކަމާ ގުޅޭ ގޮތުން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އުމުރުން 12 ނުވަތަ 13 އަހަރަށް އަޅާ ކުދިން މިޒަމާނުގައި ރައްޓެހިވެގެން އުޅޭ އުޅުމެވެ. އެކުދިން މީހުންނާ ރައްޓެހިވެގެން އުޅޭ އުޅުމުގައި ކައިވެނީގެ ބޭރުން ބޭއަދަބީ އަމަލުތައް ހިންގާ ކައިވެނީގެ ބޭރުން ބަލިވެ އިނދެފައިވާ މައްސަލަތައްވެސް ރާއްޖެއިން ފެންނަލެއް މަދެއް ނޫނެވެ. އެހެންވީ އިރު އެ އުމުރުގައި ކައިވެނި ކުރުވަން ބައެއް މައިންބަފައިން ބޭނުންވަނީ އެފަދަ ފާފަތަކުން ދަރިން ސަލާމަތް ކުރުމަށް ކަމަށްވެސް ވެދާނެއެވެ. ނުވަތަ ކުއްޖާގެ ސަބަބުން "މައިންބަފައިންގެ ބޮލުގައި އެޅޭ ފާފައިން" ބަރީއަވާން ހިންގޭ އަމަލަކަށް ވެސް ވެދާނެ ނޫން ހެއްޔެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން 18 އަހަރުން ދަށުގެ ކުޑަކުދިންނާ ކައިވެނި ކުރުމަކީ ކުށެކެވެ. ކުރިން އުމުރުން 16 އަހަރު ވުމަށް ފަހު، އާއިލާ އާއި ކުއްޖާގެ އިއުތިރާޒެއް ނެތި ކައިވެނި ކުރެވިދާނެ ކަމަށް ކުރިން ގާނޫނުގައި އޮތް ނަމަވެސް މިދިޔަ ހަފްތާގައި ރައީސް ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނި ކުރެވޭނެ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފައެވެ. އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 18 އަހަރު ނުވަނީސް ކައިވެނިކޮށް ނުދެވޭނެ ކަމަށް އެ ގާނޫނުގައި ވެއެވެ. އެހެންވީމައި 18 އަހަރުން ދަށުން މިހާރު ކައިވެނި ކުރުމަކީ ކުށެކެވެ.
މި މައްސަލައާ ގުޅޭ ގޮތުން މިއަދު މަޖިލީހަށް ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވެސް ދަނީ، ކުޑަކުދިންނާ ކައިވެނި ކުރުމާ ކޯޓުން ބޭރުގައި ކައިވެނި ކުރުމުގެ މައްސަލަ ދިރާސާ ކުރަމުންނެވެ. އެގޮތުން އެކޮމީޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ވިދާޅުވެފައި ވަނީ 13 އަހަރުގެ ކުއްޖާ، މީ ކުރި ފުރަތަމަ ކައިވެނި ނޫން ކަމަށެވެ. އެހެން ކަމުން މިކުއްޖާ ވަނީ އިތުރު ކައިވެނިތަކެއް ނުވަތަ ކައިވެންޏެއް ކޮށްފައި ކަން އެބަ ދޭހަވެއެވެ.
ރަޖިސްޓާ ނުކޮށް މިގޮތަށް ކައިވެނި ކޮށްގެން އުޅޭ ކިތައް ކުދިން ތިބޭނެ ހެއްޔެވެ. އެފަދަ ކުދިންނަށް ލިބެންޖެހޭ ތައުލީމީ ސިއްހީ ހައްގުތަކުން މަހްރޫމް ކުރެވެނީކީ އެކަންޏެއް ނޫނެވެ. ބައެއް މީހުންނަށް މި ވާހަކަތަކަކީ އެހާ މުހިންމު ވާހަކައަކަށް ނުވެ ހިނގައިދާނެއެވެ. ނަމަވެސް ވިސްނާލީމައި ރަނގަޅަށް މަންޒަރު ސާފުވެގެން ދާނެކަން ކަށަވަރެވެ.
ގާނޫނާ ހިލާފަށް ކުރެވޭ ކައިވެނިން ދަރިއަކު ލިބޭ އިރު އެ ކުއްޖާ ބަލިވެ އިންނަ ހިސާބުން ހޮސްޕިޓަލަކަށް ނުގެންގޮސް ސިއްހީ ފަރުވާ ނުހޯދާ ހުރެވިދާނެ ކަމާ މެދު ވިސްނާނުލަން ހެއްޔެވެ. އެ ކުއްޖާއަށް ލިބޭ ތުއްތު ކުއްޖާ ރަޖިސްޓާ ނުކޮށް ބަހައްޓާ ހިސާބުން އެކުއްޖާއަށް ދޭން ޖެހޭ ވެކްސިނާއި ސިއްހީ ގޮތުން އާސަންދައިން ހިލޭ ލިބޭ ބޭސްފަރުވާ ހޯދުމަށް ނުކުޅެދޭނެ ނޫން ހެއްޔެވެ. ދެން އެކުދިން ކިޔެވުމަށް ސްކޫލަށް ވެއްދުމުންވެސް މަހްރޫމް ވާނެ ކަމަކީވެސް ޔަގީން ކަމެކެވެ.
މިހެން މިކަން ވާނަމަ ރާއްޖޭގެ އާބާދީގައި ރަޖިސްޓްރީގައި ނުހިމެނޭ މިފަދަ ކުދިންތަކެއް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ ކުދިން އިތުރުވެ އެކި ގޮތް ގޮތުން ހައްދުފަހަނައަޅާ ދިއުމުގެ ވިސްނުން ގެންގުޅޭ ފަރާތްތަކުގެ ޖަމާއަތްތައް ބޮޑުވެގެން ދިއުމަކީވެސް ވެދާނެ ކަމެކެވެ. މިކަމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް ނާޅާ ލަސްކުރަމުން ދިއުމާއި މިކަން ދިގުލައިގެން ދާނަމަ މިފަދަ އެތައް ކުދިންނެއް ތިބެދާނެ ކަމަކީ މިހާރު އޮތް ބޮޑު ބިރެކެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މެދުރާއްޖެތެރޭގެ ރަށެއްގެ މީހަކު ބުނީ، އެރަށަކީ ހައްދުފަހަނައަޅާފައިވާ މީހުން ގިނަ ރަށެއްކަމަށެވެ. އެރަށުގައި ހިޖުރަ ކުރާ އުސޫލުން މީހުން އައިސް އުޅޭކަމަށް އެމީހާ ބުނެފައި ވާއިރު އެ ރަށުގައި ސިއްރުން އެހެން އުޅޭ އެތައްބަޔަކު އުޅެއެވެ.
13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލަ ފެންމަތިވެފައި މިވަނީ ދާދި ފަހުން ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރިއެއްގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލި ހިސާބުންނެވެ. އަނިޔާވެރިކޮށް ހަމަލާދީފައިވާ، ރ. މަޑުއްވަރީއަށް ނިސްބަތްވާ ޒުވާނާގެ އަނގަ އިރާލައިފައި އޮތް އިރު ފުއްކިބަ ޗިސްޗިސް ކޮށްލާފައި އޮތުމުން އޭނާ ވަނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ ގެނެސްފައެވެ.
ކޮންމެ އަކަސް އެ ކުއްޖާ ބަލިވެ އިނުމުން ގިނަ ބަޔަކު ސިފަ ކުރަމުންދަނީ ރޭޕްކުރުން ފަދަ އަމަލެއްގެ ގޮތުގައެވެ. މިފަދައިން ކަން ކުރުމުން މިފަދަ އަންހެން ކުދިން ވަނީ އެތައް އަސާސީ ބޭނުންތަކަކުން މަހްރޫމްވެފައެވެ. ހަގު އުމުރުގައި ކުރާ ކައިވެނިން ކުއްޖާގެ އެތައް ހައްގުތަކެއް ނިގުޅައިގަނެވިގެން ދާއިރު ހަރުކަށިކަން ދައްކާ، "ކުޑަޔަސް ކުރެވޭނޭ ކިޔާ" އެކަމާ ދިމާ ކުރުން އެއީ ފިކުރަކަށް ވުރެ، ހައްދު ފަހަނަ އަޅާފައިވާ ބައެއްގެ ސިޔާސަތެއް ނޫން ހެއްޔެވެ؟
މި ޤައުމުގަ ގަވާއިދާ ޙިލާފަ ކުޑަކުދިންނާ އިންނަ މީހުންނާ މިކަން ކުރުވާ މިކަމުގައި ބައިވެވާ އެންމެނަށް ހައްގު ވެގެންވާ އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާ ތަކަށް ގޮވާލަން.