ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި 11 ފިރިހެނުންނާއެކު ޕާޓީކުރަމުން ދަނިކޮށް ހައްޔަރު ކުރި ފިލްމީ ތަރި، މަލީހާ ވަހީދު ދޫކޮށްލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުޅުމާލޭ ގެސްޓް ހައުސެއްގައި ޕާޓީކުރަން ތިއްބާ ހައްޔަރު ކުރި 12 މީހުންގެ ތެރެއިން 4 މީހުން އިއްޔެ ދޫކޮށްލާފައިވާކަމަށެވެ. އަދި އެއީ އިއްޔެގެ ނިޔަލަށް 4 ދުވަސް ހަމަވެފައި ވާ ހަތަރު މީހުން ކަމަށްވެސް ފުލިހުން ވަނީ މައުލޫމާތު ދީފައެވެ.

4 ދުވަހުގެ މުއްދަތު ޖަހާފައި ވަނީ ތިން ފިރެހެނަކާއި މަލް އަށެވެ. 12 މީހުނެގެ ތެރެއިން ބާކީ 8 މީހުން ގެ މުއްދަތު ހަމަނުވާތީ އެމީހުން ތިބީ ބަންދުގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އެ 8 މީހުންނަށް ވަނީ 8 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފައެވެ.

އަށް ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވަނީ އުމުރުން 25، 26، 27، 34، އަދި 40 އަހަރުގެ ފަސް ފިރިހެނުންނަށެވެ. އަދި ހަތަރު ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވަނީ އުމުރުން 29، 30 އަދި 39 އަހަރުގެ ތިން ފިރިހެނުންނަށެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ އުމުރުން 34 އަހަރާއި 30 އަހަރާއި 27 އަހަރުގެ ތިން ފިރިހެނަކު ވަނީ ޝަރުތުކޮށް ދޫކޮށްލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި މުއްދަތު ޖެހި އެންމެންނަށްވެސް މުއްދަތު ދީފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ.

މަލް އާއި މި 11 ފިރިހެނުން ރާ ބޮއެ ޕާޓީ ކުރަން ތިއްބާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ ހޮޓެލް 78 ނަމަކަށް ކިޔާ ގެސްޓް ހައުސަކުންނެވެ. މަލް އަކީ، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ޓްރިފިކް ކުރުމާއި ކެނަބިސް ބޭނުން ކުރުމުގެ މައްސަލައެއްގައި މިހާރުވެސް ދައުވާ ކޮށް ޝަރީއަތް ހިނގަމުންދާ މީހެކެވެ.