ގއ. ގެމަނަފުށީގައި ހަތަރު މީހަކު ރަސޫލުކަމަށް ދައުވާކުރާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެމައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައިއެވެ.

ގެމަނަފުށި ކައުންސިލްގެ ރައީސް އަބުދުﷲ ޝިޔާން "ދަ ޕްރެސް" އަށް ވިދާޅުވީ މީހަކު ފޭސްބުކްގައި "ގެމަނަފުށިން ބަޔަކު މީހުން ރަސޫލު ކަމަށް ދައުވާ ކުރަނީ،" ކަމަށްބުނެ ޖެހި ޕޯސްޓަކާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެކަން މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސީދާ ރަސޫލުކަމަށް ދައުވާ ކުރާ ކަމަށް މައުލޫމާތު ލިބިފައެއްނެތް، މީހަކު ކުރި ފޭސްބުކް ޕޯސްޓެއް އެއީ، އެޕޯސްޓާ ގުޅިގެން ފުލުހުން އެކަން އެބަ ބަލަމުން ގެންދޭ،"
ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވީ އެމައްސަލައަކީ ސީރިއަށް މައްސަލައެއް ކަމަށެވެ. ނަމަވެސް މިހާރު އެޕޯސްޓް ރިމޫވްސް ކޮށްލާފައިވާ ކަަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް ވިދާޅުވީ އެރަށަކީ ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ރަށެއް ނޫން ކަމަށާއި އެފަދަ ކަމެއް ފެނިފައިނުވާ ކަމަށެވެ.

ފޭސްބުކްގައި އެޕޯސްޓް ޖެހި އަލީ އަހުމަދު "ދަ ޕްރެސް" އަށް ބުނީ، އެޕޯސްޓް ޖަހާފައިވަނީ އޭނާގެ އެކައުންޓް ހެކް ކޮށްގެން ކަމަށާއި އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށެވެ.

އެމައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.