ފިރިހެނުން ހެނދުން އަޅާ ގޮތަށް ހެދުން އަޅާ ކަމަށްބުނެ ސޯޝަލް މީޑިއާގައި އައިމިނަތު އީނާސްއަސް ފުރައްސާރަ ކުރަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އީނާސް އަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރަން ފެށުމުން އީނާސް ވަނީ އޭނާ ހެދުން އަޅާ ގޮތް ދިފާއުކޮށް އެކަން ކަމުދާ ނަމަ SuitsMe# (ސޫޓްސްމީ)ގެ ނަމުގައި ކެމްޕޭނެއް ފަށާފައެވެ. އެ ކެމްޕޭންގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް އަންހެން މެންބަރުންވެސް ވަނީ އެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން ގިނަ ބަޔަކު ވަނީ އީނާސްއަށް ސަޕޯޓުކުރުމުގެ ގޮތުން ކޯޓު ފަޓުލޫނު ލައިގެން SuitsMe# ހޭޝްޓެގް ބޭނުންކޮށްފައެވެ.

މި ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންފައިވާ ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ފަދަ ބޭފުޅުން ހިމެނެއެވެ.

އީނާސްއަށް ސޯޝަލް މީޑިއާގައި އޭނާ ހެދުން އަޅާ ގޮތުން ބަޔަކު މީހުން ފުރައްސާރަކުރި މައްސަލަ ފުލުހުން ބަލަން ފަށާފައި ވާއިރު ރޭގެ ވަގުތެއްގައި ބަޔަކުވަނީ އީނާސް މީގެކުރުން މަސައްކަތްކުރި "މެރާކީ ރެސްޓޯރަންޓަށް" ހަމަލާދީ އެ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ގާގަނޑަކުން ޖަަހައި ތަޅާލައިފައެވެ. އަދި ބިއްލޫރިގަނޑު ތަޅައިލުމަށް އެއްލި ގާގަނޑާއެކު އިންޒާރުގެ ކަރުދާސް ކޮޅެއް ވެސް އޮތެވެ. އެ ކަރުދާސްކޮޅުގައި ލިޔެފައިވަނީ "އަންހެނުން ފިރިހެން ނުވައްޗޭ. އަދި ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.