ފާނަ ނަގަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީފިއެވެ.

"ޖާބިރު ބުނީ ރަނގަޅަށް. މިޔަރުގެ އުނދަގޫ ބޮޑުވެއްޖެ މިހާރު، ގައިގަ ވެސް ހިފަނީ". ރާއްޖޭގެ މަސްވެރިންނަށް މިޔަރުގެ އުނދަގޫ ބޮޑުވެފައިވާ ކަމަށް ބުނެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަނބޮޑުވުން ފާޅު ކުރައްވާ، ހުރިހާ މިޔަރުތައް މަރާލުމަށް ގޮވާލައްވާފައި ވަނިކޮށް، 'ފ. ބިލެއްދޫ ފާނަ މަސްވެރިން'ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖެއްގައި ވަނީ މަސްވެރިއަކަށް މިޔަރު ހަމަލާ ދިން ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ.

ޖާބިރު ދެއްކެވީ ރަނގަޅު ވާހަކައެއް ކަމަށް ބުނެ، މަސްވެރިން ކޮށްފައިވާ ޕޯސްޓް ސޯޝަލް މީޑިއާގައި އާންމު ވެފައިވާއިރު، މި ހާދިސާ ހިނގި ގޮތާއި ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން، ފ. ބިލެއްދޫ ދޯންޏެއް ކަމަށްވާ "ފުރާވަރު 3" ގެ ކެޔޮޅު ޖަމީލު އަޒީޒު ބުނީ، ހާދިސާ ހިނގާފައިވަނީ ތ. އަތޮޅުގައި ފާނަ މަސްވެރިކަން ކުރަން އުޅެނިކޮށް ކަމަށެވެ. އަދި މަސްވެރިއާ އަށް މިޔަރު ހަމަލާދީފައިވަނީ ފާނަ ބާނަން ފައިބާ އުޅުމުގެ ތެރޭގައި ފާނަ ގަންނުވާފައި ގެންދަނިކޮށް ފަހަތުން އައިސް ކަމަށެވެ.

ފ. ބިލެއްދޫ ފާނަ މަސްވެރިކަން ކުރާ "ފުރާވަރު 3"

ޖަމީލު ބުނީ، މިޔަރު ހަމަލާދީފައި ވަނީ މިޔަރަށް އެއްވެސް ގޯނާއެއް ކޮށްގެން ނޫން ކަމަށެވެ. މިޔަރަކީ ހިމާޔަތް ކޮށްފައިވާ އެއްޗަކަށް ވާއިރު، އެއްވެސް މަސްވެރިއަކު މިޔަރަށް ގޯނާއެއް ނުކުރާ ކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް މިޔަރުގެ އުނދަގޫ ބޮޑު ވެފައިވާ ކަމަށާއި، ފާނައެއް ގަންނުވާފައި އެ ނަގާއިރު، އެއާ ދިމާލަށް އައިސް، ފާނަ ކާލުމަށްފަހު، ބުޅި ކާލާފައި ދެން މަސްވެރިއާ އާ ދިމާލަށް އަންނަ ކަމަށް އޭނާ ބުނެއެވެ. މިކަމާ ހެދި މަސްވެރިން ތިބެބީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ.

ޖަމީލު ބުނީ މި ހާދިސާގައި އަނިޔާވި މަސްވެރިއާއަށް ވަގުތުން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

މިކަމާ ގުޅިގެން ޖާބިރު ވިދާޅުވީ، ހިމާޔަތް ކުރެވުނު ތަކެތި ގިނަވެ، އިންސާނުންނަށް އުނދަނގޫ ފޯރާ ހިސާބަށް ގޮސްފި ކަމަށާއި، ރިވިއު ކުރަން ޖެހޭ ކަމަށް ވިދާޅުވުމުން އެކަންވެސް މަޖަލަކަށް ނެގި ބަޔަކު ތިބި ކަމަށެވެ. އަދި އޭނާ ދެއްކެވީ ރަނގަޅު ވާހަކައެއްކަން މިއަދު އެނގޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެގޮތުން ޖާބިރު ވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަގުތުން މިޔަރުތައް ވެސް ނަގަންވީ ކަމަށާއި، ބޮޑު ކަންނެއްޔެއް ބާނާއިރު، ދެބައިކުޅައެއްބައި މިޔަރު ކާލާފައި އޮތުމުން، އެ ކަންނެލި އޮންނަނީ ކިރުމުން މަހުރޫމުވެފައި ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވަނީ ހުރިހާ މިޔަރުތައް މަރާލުމަށް ސިފައިންނަށް ގޮވާލައްވާފައެވެ.