ރާއްޖޭގެ މިއަދު ހާލަތު ބަދަލުކުރުމުގެ ހުރިހާ ބާރެއް އޮތީ ޒުވާން ލީޑަރުންގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިއަހަރުގެ އަހިންސާ ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ ނަތީޖާ ފާޅުކުރުމާއި ދަރިވަރުންގެ ޔޫނިއަންގެ އިސްވާރުންނަށް އިނާމް ދިނުމަށް ރޭ ޔުނިވާސިޓީގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ ވަނީ ބޮޑުތަނުން ބަދަލުވެފައި ކަމަށާއި ކުރިން ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަކީ އެންމެ ސުލްހަވެރި އަދި އެންމެ އަމާން ގައުމު ކަމަށެވެ. އަދި އެކަމާމެދު ފަހުރުވެރިވާ ކަމަށެވެ. ނަމަވެސް އެހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިގައުމު ކުރިން އޮތްފަދަ ސުލްހަވެރި އަމާން ގައުމެއްގެ ގޮތުގައި އަނބުރާ ގެންނަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރުމުގައި ހަގީގަތުގައިވެސް ހުރިހާ ބާރެއް އޮތީ އަޅުގަނޑުމެންގެ ޒުވާން ލީޑަރުންގެ މައްޗަށް، އެހެންކަމުން ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ސުލުހަވެރިކަމާ އަމާންކަމާ އެކުވެރިކަމާއެކުގައި ބަދަލާ ދިމާއަށް އަޅުގަނޑުމެން ދަތުރުކުރަންޖެހޭ، އިސްލާމް ދީނަކީ ސުލުހަވެރި ދީނެއް، އަމާން ދީނެއް، ސުލުހައަށް ލޯބިކުރާ ދީނެއް،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގައުމެއް އޭގެ މައްޗަށް ބިނާވަނީ ޒުވާން ވަރުގަދަ ލީޑަރުން އުފެއްދުނު މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި ގައުމެއް އުމެއްގެ ގޮތުގައި ހަދާނެ ބަޔަކު އުފެދި ނެރެވިގެންދަނީ ސްޓޫޑެންޓް ޔޫނިއަންގެ ތެރެއިން ކަމަށެވެ. އެހެންކަމުން ގައުމުގެ މުސްތަގުބަލް އުޖާލާވާނެ މިންވަރަކީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން ވަރުގަދަވީ މިންވަރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަހިންސާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުން އެއްވަނަ ހޯދީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު އާއިޝަތު ޒަހާއެވެ. އަދި ދެވަނަ ހޯދީ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ އަނޫފާ އާލީއެވެ. ތިންވަނަ ހޯދީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ މުހައްމަދު އައިޝް މުސްތާއެވެ.
މޮޔަސޭޚް