ކުޑަކުދިންނަށް ޖިންސީ އަދި އެނޫންވެސް އަނިޔާއެއް ދިނުމަށް އަދާލަތު ޕާޓީން އެއްވެސް ވަރަކަށް ތާއީދު ނުކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

އަދާލާތު ޕާޓީ އިން މިގޮތަށް ބުނެފައިވަނީ 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެއިން މައްސަލަ އަދާލާތު ޕާޓީން ދިފާއު ކުރާ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ސުވާލު އުފައްދަވާފައިވާތީއެވެ.

ދިޔާނާ ވިދާޅުވީ އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ކުޑަކުއްޖަކާމެދު ހިންގި އަމަލު ސާފުވާ މިންވަރަށް ދިފާއު ކުރަމުންގެންދާ ކަމަށެވެ. އަދި އެމައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ދެމުއައްސަސާއަކީ ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އެދެމިނިސްޓްރީގެ މިނިސްޓަރުންގެ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދޭންޖެހޭ ކަމަށްވެސް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާއަށް ރައްދު ދެއްވައި އަދާލަތު ޕާޓީއިން ބުނީ އެޕާޓީއަކީ ކުޑަކުދިންނަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ނުވަތަ އެނޫންވެސް އަނިޔާއެއް ދިނުމަށް ކުޑަކޮށްވެސް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެފަދަ ހަގީގަތެއްނެތް އިލްޒާމްތައް އެޕާޓީއަށް އަމާޒުކުރަނީ ސިޔާސީ ވާދަވެރިކަމުގައި ކަމަށްވެސް އެޕާޓީން ބުންޏެވެ.

13 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލަ އެއް ފެންމަތިވެފައިވާ އިރު އެ މައްސަލަ މިހާރު ދަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަމުންނެވެ. މިކަމާ ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ، ގިނަބަޔަކު ދަނީ މުއައްސަސާތައް ކުށްވެރިކުރަމުންނެވެ.