ގައުމެއް ކުރިއަރާދާނީ އުފެއްދުންތެރި، ހުނަރުވެރި، ވަރުގަދަ ޖީލެއް އުފެއްދިގެން ކަމަށާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތެރި ފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ އެފަރާތްތަކަށް ދެވޭ އިތުރު ހިއްވަރެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019" ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހއ. ދިއްދޫގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާނެ ކަމަށެވެ. އަދި މިއިސްލާހުތަކާއިއެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގަން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ގޮސްފައިވީނަމަވެސް، މިއަދުގެ ސަރުކާރުން، އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވައިގެން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ގައުމީ ބަތަލުންތަކެއް ނުވަފަ ގައުމީ ފަހުލަވާނުންތަކެއް އުފެއްދި އަތޮޅެއް ކަމުގައި ފާހަގަ ކުރައްވާ ތިލަދުންމަތިން އުފެދުނު ގައުމީ ބަތަލުންގެ ހަނދާންތައް އާކުރައްވާފައެވެ.
މިޖަލްސާގައި އެކި ދާއިރާތަކުން ހއ. އަތޮޅުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތެރީންގެ އަގުވަޒަންކޮށް އިނާމު ދީފައިވެއެވެ. "ތިލައުތުރު އުއްތަމަ އަރުތަވެރިން"ގެ އިނާމުގައި މިފަހަރު ހިމެނެނީ ޝަރަފުވެރިކަމުގެ އިނާމާއި، ހިތްވަރުދިނުމުގެ އިނާމާއި ކައުންސިލުންދޭ ހާއްސަ އިނާމާއި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ހާއްސަ އިނާމާއި ހާއްސަ ހިދުމަތުގެ އިނާމުގެ އިތުރުނ ހިންގުންތެރިކަމުގެ އިނާމެވެ.
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި ހއ. އަތޮޅު ސްކޫލް، މަދަރުސާތަކުން ފަހުރުވެރި ވަނަތައް ހޯދާ ދަރިވަރުންނާއި އަތޮޅަށް އެންމެ ހިދުމަތްތެރި ރިސޯޓާއި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކްލަބް ޖަމިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ނަމުގައި ހއ. އަތޮޅު ކައުންސިލުން ދެމުންގެންދާ އިނާމެކެވެ.