ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފުއާއި ދެކޮޅަށް އުފުލާފައިވާ ގައުމަށް ގައްދާރުވި ކަމަށް ބުނާ މައްސަލާގައި ކޯޓު ހުކުމް އިއްވުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، ޕާކިސްތާނުގެ ހައި ކޯޓަށް، މުޝައްރަފުގެ ނަންފުޅުގައި ޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ.

ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި މުޝައްރަފާ ދެކޮޅަށް ބަލަމުންދާ މައްސަލައިގެ އެންމެ ފަހު ޝަރީއަތުގެ މަޖިލީސް ނޮވެމްބަރު 19 ވަނަ ދުވަހު ކުރިއަށް ގެންދިޔައިރު، އެއީ ގައިރު ގާނޫނީ، އަދި އެއްވެސް ބުރަދަނެއް ނެތް، ބާތިލު ބައްދަލުވުމެއް ކަމަށް މުޝައްރަފުގެ ވަކީލު ޚަވާޖާ އަހުމަދު ތޯރިގު ރަހީމް ވަނީ ވިދާޅުވެފައެވެ.

މުޝައްރަފުގެ ނަންފުޅުގައި ޕާކިސްތާނުގެ ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ޕެޓިޝަނަކީ މުޝައްރަފުގެ ސިއްހީ ހާލުކޮޅު ތަންދީ، ޖިސްމާނީ ގޮތުން މުޝައްރަފުއަށް ކޯޓަށް ހާޒިރުވެވަޑައިގެންނެވެންދެން މިމައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލިސްތަކާ ބައްދަލުވުންތައް ބޭއްވުން ހުއްޓާލުމަށް އެދިވަޑައިގެންފައިވާ ޕެޓިޝަނެއް ކަމަށް ޚަބަރު ލިބެއެވެ.

ނޮވެމްބަރު 19 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމާލާފައިވަނީ މުޝައްރަފުގެ ފަރާތުން އެއްވެސް އެއްޗެއް ވިދާޅު ނުވެ އޮއްވާ ކަމަށްވެސް މި ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މުޝައްރަފުއާއި ދެކޮޅަށް އުފުލާފައިވާ ގައުމަށް ގައްދާރުވި ކަމުގެ ކުށުގެ މައްސަލަ އަލުން ތަހުގީގުކޮށް އާ ޝަރީއަތެއް ކުރިއަށް ގެންދިއުމަށްވެސް މި ޕެޓިޝަންގައި ގޮވާލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނުގެ ހައި ކޯޓުން ޕެޓިޝަންއާއި މެދު ގޮތެއް ނިންމުމަށް ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނީ މާދަމާގެ ވަގުތެއްގައެވެ. ކަންމިހެން އޮތްއިރު، ގައުމަށް ގައްދާރުވިކަމުގެ ކުށުގެ ތުހުމަތުގައި މުޝައްރަފާ ދެކޮޅަށް ކުރާ ދައުވާގެ ޝަރިއަތް ނިންމާ، ހުކުމް އިއްވުން އަދި ތާވަލުކޮށްފައި އޮތީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހަށެވެ.