އަންހެނުންނާއި އަންހެން ކުދިންނަށް ދޭ ލާއިންސާނީ އަނިޔާގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ ވާހަކަތަކެކެވެ. މިއީ އެތައް ޒަމާނަކަށް ދިގުލާ ގޮސްފައިވާ މައްސަލައެކެވެ. މި ވަބާ ފެތުރިފައި ނެތް ހިސާބެއް މި ދުނިޔެއަކު ނެތެވެ. މިއީ އިންސާނަކަށް ވީތީ ލިބިދޭ ހައްގުތަކަށް ލިބޭ އުނިކަމެއް ކަމުގައި ވީ ނަމަވެސް، މި އަނިޔާ ލިބޭ ފަރާތްތަކުގެ ތެރެއިން އާންމުންގެ ތެރެއަށް އެކަން ފާޅުކުރަނީ ނިސްބަތުން އަދިވެސް މަދު ބައެކެވެ.

އަންހެނުންނާ އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާ ތަކުގެ ވާހަކައަކީ އަދި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކައެކޭވެސް ބުނެވިދާނެއެވެ. ޖިންސީ ގޯނާގެ އިތުރުން ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ދޭ ގެއްލުންތައްވެސް ހިމެނެއެވެ. އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި:

  • ހަޔާތުގެ ބައިވެރިޔާގެ ކިބައިން ލިބޭ އަނިޔާ (ޖިސްމާނީ ގޯނާ، ނަފްސާނީ ލާއިންސާނީ އަނިޔާ ފަދަ އަނިޔާ)
  • ޖިންސީ ގޯނާއާއި ފުރައްސާރަ (ރޭޕް، ރުހުމުން ބޭރުގައި ހިންގާ ޖިންސީ ގުޅުން، ޅައުމުރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވުން، ޅައުމުރެއްގައި މަޖުބޫރުން ކައިވެނިކުރުވުން، ސައިބާ ބުލީ އަދި މަގުމަތިން ފޮށުން ފަދަ ކަންކަން)
  • އިންސާނީ ވަގުފާރީގެ އަނިޔާ (މަސައްކަތު/ޖިންސީ އަޅުންގެ ގޮތުގައި)
  • އަންހެނުންގެ ޖިންސީ ގުނަވަނަށް ނުރުހުމުގައި ބަދަލު ގެނައުން (އެފްޖީއެމް) ފަދަ ކިތަންމެ ކަމެއް މި ލިސްޓުގައި ހިމެނިދާނެއެވެ.
ކުޑަކުދިން ރޭޕްކުރާ މައްސަލަ ރަމްޒުކުރުމަށް ބޭނުންކޮށްފައިވާ ހިޔާލީ ކުރެހުމެއް/ފޮޓޯ: އޭއެފްޕީ

ދިރިއުޅުމުގެ އެކި ހިސާބުތަކުގައި އަންހެން ކުދިންނާ އަންހެނުންނަށް ކުރިމަތިލާންޖެހޭ މިފަދަ އަނިޔާތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާ ޖިންސީ ހަރަކާތްތެރިކަމުގެ އިތުރުން ދަރިމައިވުމުގެ ސިއްހަތަށް އެކަމުން ނޭދެވޭ އަސަރު ކުރުވައެވެ. އެގޮތުން ޅައުމުރެއްގައި އިލްމު އުނގެނުމާ އަލްވަދާއު ކިޔަންޖެހުމާ، ވަޒީފާގެ ބާޒާރުގައި ކުރިމަތިލާންޖެހޭ ތަފާތުތައް ހިމެނެއެވެ. މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުން އަންހެން ކުދިން މަހްރޫމުވުމުގެ ނަތީޖާއަކީވެސް ވަޒީފާގެ މައިދާނުގައި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހުމެވެ.

ޖިންސުގެ ސަބަބުން އުފެދޭ ތަފާތުކުރުންތަކާ ކުރިމަތިލާންޖެހުމަކީ ހަމަ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ގޮތެކެވެ. ނަމަވެސް ނުރައްކާ ވަކިން ބޮޑަށް ކުރިމަތިވާ ބަޔަކުވެސް އުޅެއެވެ. އޭގެ ތެރޭގައި އަންހެން ކުދިންނާ، ހިޖުރަވެރިންނާ ރެފިއުޖީން ހިމެނެއެވެ. މީގެ އިތުރުން އެޗްއައިވީގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ އަންހެން ކުދިންނާ، ހާއްސަ އެހީއަށްބޭނުންވާ އަންހެން ކުދިންނާ އަންހެނުން ހިމެނެއެވެ.

ތަފާސް ހިސާބުތަކުން ދެނީ ކަންބޮޑުވާންޖެހޭ އިންޒާރެއް

  • އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މުނާސަބާއާއި ގުޅުވައިގެން އދއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެއިން ފޯރުކޮށްދެނީ އިންޒާރުގެ މެސެޖެކެވެ. އދއިން އާންމު ކޮށްފައިވާ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު:
  • ކޮންމެ 3 އަންހެނަކުން 1 އަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިސްމާނީ ނުވަތަ ޖިންސީ ގޯނާ ތަހައްމަލުކޮށްފައިވާ މީހެއް (ގިނަ ފަހަރު މި އަނިޔާ އަންނަނީ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން)
ަކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި 3 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ކުރިއަށްދިޔަ މުޒާހަރާގައި ދެމައިން ބައިވެރިވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް
  • ކައިވެނީގެ ތެރޭގައި ޖިންސީ ގުޅުން ހިނގުމާ، ދޭތެރެ ދުރުކުރާ ވަސީލަތްތަކުގެ ބޭނުން ކުރުމާ ސިއްހީ ފަރުވާ ހޯދުމުގައި ގޮތް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮންނަނީ އެންމެ 52 ޕަސެންޓް އަންހެނުންނަށް
  • ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 މިލިއަނެއްހާ އަންހެނުންނާ އަންހެން ކުދިންނަކީ އެފްޖީއެމްގެ ޝިކާރައަކަށްވެފައިވާ ބައެއް
  • 2017 ވަނަ އަހަރު ދުނިޔޭގެ ނިސްބަތުން ކޮންމެ 2 އަންހެނަކުން 1 އަކީ ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާ މެމްބަރެއްގެ އަނިޔާވެރި އަމަލުން މަރުވި މީޙެއް. ފިރިހެނުންގެ މެދުގައި ނިސްބަތް އުޅެނީ ކޮންމެ 20 މީހަކުން 1ގެ ރޭޓުގައި.
  • ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ އިންސާނީ ވަގުފާރީގެ އަމަލަށް ބަލާއިރު، ވަގުފާރީގެ ޝިކާރައަކަށްވާ މީހުންގެ 71 ޕަސެންޓް ހިއްސާކުރަނީ އަންހެން ކުދިންނާ އަންހެނުންނެ. މިއިން ކޮންމެ 4 އަންހެން ކުއްޖަކާ އަންހެނެއްގެ ތެރެއިން 3 ކުދިންނާ މީހުންނަކީ ޖިންސީ ގޯނާ ލިބޭ މީހެއް/ކުއްޖެއް
  • ދަރިމައިވުމުގެ އުމުރުގައި ތިބި އަންހެނުންނަށް ބަލާއިރު އަންހެނުންނަށް ކުރާ ލާއިންސާނީ އަނިޔާއަކީ މަރަށް ހުށަހެޅޭ އެންމެ ބޮޑު އެއް ސަބަބު. މަގުމަތީގެ އެކްސިޑެންޓްތަކާ މެލޭރިއާ ފަދަ ބަލިތައް އެއްކޮށްލުމުން މަރުވާ މީހުންނަށްވުރެ ލާއިންސާނީ އަނިޔާގެ ސަބަބުން މަރުވާ އަންހެނުންގެ އަދަދު އިތުރު.

ތަރައްގީގެ އަމާޒުތައް ހާސިލުކޮށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރިހާ ފަރާތަކުން މަސައްކަތްކުރަމުންދާއިރު، އަންހެން ކުދިންނާ އަންހެން ކުދިންނަށް ލިބެމުންދާ އަނިޔާތަކަށް ހައްލު ނުހޯދާ މި އަމާޒަށް ފުރިހަމަ ގޮތުގައި ވާސިލުވެވެން ނެތްކަން ގަބޫލުކުރަންޖެހެއެވެ.

އޮރެންޖް ދަ ވާލްޑް: ރޭޕްއާއި ދެކޮޅަށް ތެދުވޭ!

އަންހެނުންނާ އަންހެން ކުދިންނަށް ކުރާ ލާއިންސާނީ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ހަރަކާތްތަކެއް ހިންގަމުންދާ ކަމީ، އަންހެންނުންނާ އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ރޭޕްގެ އަނިޔާ ފެތުރިފައިވާ މިންވަރު އަންގައިދޭ ކަމެއް ކަމަށް އދއިން ބުނެއެވެ.

އަންހެނުންނާ އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އދއިން ބޭނުންކުރާ ޕޯސްޓަރެއް/ފޮޓޯ: ޔޫއެން ވިމެން

އަންހެނުންނާ އަންހެން ކުދިންނަށް ކުރާ ލާއިންސަނީ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. މިއަހަރުން ފެށިގެން ކުރިއަށް އޮތް 2 އަހަރު ދުވަސް ވަކިން ހާއްސަކޮށްފައިވަނީ ރޭޕް ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ. ސުލްހައާއި ހަނގުރާމައިގެ ތެރޭގައި ހިންގާ ރޭޕްގެ އަމަލުތައްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އދިން ބުނެއެވެ.

އަންހެނުންނާ އަންހެނުންނާ އަންހެން ކުދިންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާ ފައިވަނީ "އޮރެންޖް ދަ ވާލްޑް: ޖެނެރޭޝަން އީކުއަލިޓީ ސްޓޭންޑްސް އަގެއިންސްޓް ރޭޕް" – މި ޝިއާރެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 16 ދުވަސް ފާހަގަކުރާނީ އަންހެނުންނާ އަންހެން ކުދިންނަށް ދޭ ލާއިންސާނީ އަނިޔާ ހިއްޓުވުމަށް ސީދާ ހަރަކާތްތައް ހިންގާ ދުވަސްތަކެއްގެ ގޮތުގައެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި ހަރަކާތްތައް ދެމިގެންދާނެއެވެ.