އިންޑިއާ އަސްކަރިއްޔާގެ އޮފިސަރުންނަށް އަމާޒުކޮށް ޕާކިސްތާނުގެ އިންޓާ-ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) ނުވަތަ އެގައުމުގެ އެންމެ މަތީ ޖާސޫސީ އިދާރާއިން އޮޕަރޭޝަނެއް ހިންގަމުންދާކަން ހާމަވެފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

އައިއެސްއައިގެ އޮޕަރޭޝަން ހާމަވީ، އިންޑިއާ އަސްކަރިއްޔާގެ އޮފިސަރެއް އޮޓަމެޓިކުން ޕާކިސްތާނުގެ ވަޓްސްއެޕް ގުރޫޕަކަށް ވެއްދި ހިސާބުން ކަމަށް އިންޑިއާއިން ބުނެއެވެ. ވަޓްސްއެޕް ގުރޫޕަށް އިންޑިއާގެ އަސްކަރީ އޮފިސަރު ވައްދާފައިވަނީ ޕާކިސްތާނުން ހިންގާ ޖާސޫސީ އޮޕަރޭޝަނެއްގެ ތެރެއިން އޮޓަމެޓިކުން ކަމަށްވެސް އިންޑިއާއިން ބުނެއެވެ.

އިންޑިއާ އަސްކަރިއްޔާއިން އާންމުކުރި އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ޕާކިސްތާނުގެ ނަމްބަރެއް ކަމަށް ތުހުމަތު ކުރެވޭ ނަމްބަރަކުން އިންޑިއާ އަސްކަރިއްޔާގެ އޮފިސަރަކު އޮޓަމެޓިކުން ވަޓްސްއެޕް ގުރޫޕަކަށް ވައްދާފައިވާކަމަށެވެ. އަދި އެ އޮފިސަރަށް ރޭކާލި ހިސާބުން އެ ގުރޫޕުގެ ސްކްރީންޝޮޓް ނެގުމަށްފަހު އޭނާ އަމިއްލައަށް އެ ގުރޫޕުން ނިކުތް ކަމަށްވެސް އިންޑިއާ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ޖާސޫސީ އޮޕަރޭޝަންތައް އަމާޒުކޮށްފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އޮފިސަރުންނާ އެމީހުންގެ އާއިލާތަކަށްކަން ވަރަށް ސާފުވާ ކަމަށާ، މާޒީގައިވެސް އެފަދަ ކަންކަން ހިނގާފައިވާކަމަށް އިންޑިއާ އަސްކަރިއްޔާގެ އެޑްވައިޒަރީގައި ވަނީ ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް ޕާކިސްތާނުގެ ޖާސޫސީ އޭޖެންޓުން އިންޑިއާގެ އަސްކަރިއްޔާގެ އޮފިސަރުންނަށް ފާރަލާ، މައުލޫމާތު އެއްކުރަމުންދާ ކަމުގެ ވާހަކަތަކެއްވެސް މި ދަނޑިވަޅުގައި ވަނީ ފެންމަތިވެފައެވެ. ޕާކިސްތާނުގެ ޖާސޫސީ އޭޖެންޓުންގެ ދަލުގައި އިންޑިއާ އަސްކަރިއްޔާގެ އޮފިސަރުން ޖައްސަމުންދަނީ "ވާޗުއަލް އަންހެނުން"ގެ އެކައުންޓްތަކެއް ބޭނުންކޮށް ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.