ހަނގުރާމަތަކަށް ގޮވާލަނީ ސޯޝަލް މީޑިއާގައި އިލްމުވެރިންނަށް ހަޖޫޖަހާ މީހުން ކަމަށް ޖަމްއިއްޔަތުން ސަލަފުން ބުނެފިއެވެ.

ސަލަފް ޖަމްއިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމްއިއްޔާގެ ނައިބު ރައީސް، ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ، ހަނގުރަމަތަކަށް ދިއުމަށް ސަލަފުން ބާރު ނާޅާ ކަމަށާއި، މަކްތަބާ ސަލަފިއްޔާ އަދި ސަލަފީ ޕޯސްޓްތަކަކީ، ސަލަފްގެ އިލްމުވެރިންގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ފަރުދާގެ ފަހަތުގައި ފިތުނަ އުފައްދަން ބަޔަކު ކުރާ ކަމެއް ކަމަށާއި، ހަނގުރާތަކަށް ދާން ގޮވާލާ ބަޔަކީ، ސޯޝަލް މީޑިއާގައި އިލްމުވެރިން ކުފުރުކޮށް، އިލްމުވެރިންނަށް ހަޖޫޖަހާ، އިލްމުވެރިން ދެކެ ރުޅިއައިސްގެން ވާހަކަ ދައްކާ ފަރާތްތައް ކަމަށެވެ.

ޝެއިހް ހަސަން ވިދާޅުވީ، ރާއްޖޭން ބޭރުގައި ހިނގާ އެއްވެސް ހަނގުރާމައަކާ ސަލަފާ ގުޅުމެއް ނޯންނަ ކަމަށާއި، ރާއްޖެއިން މިފަދަ ހަނގުރާމަތަކަށްދާ ފަރާތްތަކަކީ ވެސް ސަލަފާއ ގުޅުން އޮންނަ ބައެއް ނޫން ކަމަށެވެ. ޝެއިހް ހަސަން ވިދާޅުވީ، ހައްދުފަހަނަޅައި ދިއުމާއި ހަރުކަށި ވިސްނުމަކީ ސަލަފްގެ އެއްވެސް އިލްމުވެރިޔަކު ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެއްވެސް ހަރުކަށި ފިކުރަކަށް ސަލަފުން ގޮވާލާފައި ނުވާ ކަމަށެވެ. އެކަން ސަލަފުން ދީފައިވާ ދަރުސްތަކުންނާއި ޕްރޮގްރާމްތަކުން ހަމަވެގެންދާނެ ކަމަށް ވިދާޅުވެ ޝެއިހް ހަސަން ވަނީ ސޯޝަލް މީޑިއާގައި އެ ދަރުސްތަކާއި ޕްރޮގްރާމްތައް ފެންނަން ހުންނާނެ ކަމަށެވެ.

ހަރުކަށި ފިކުރުތައް ހުރި ފަރާތްތަކާއި، ދީން ދޫކޮށްދާ ފަރާތްތަކާއި، ދީނާއި މެދު ޝައްކު އުފެދޭ ފަރާތްތަކަށް ވެސް ސަލަފުން ކައުންސެލިން ދީ، ނަސޭހަތްތެރި ވަމުންދާ ކަމަށް ޝެއިހް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ސަލަފް ޖަމްއިއްޔާއިން ބުނީ އެ ޖަމްއިއްޔާއާ ބެހޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެއީ އެކަމުގެ ފަހަތުގައި ވަރަށް ހަޑި، ސިޔާސީ މަގުސަދުތަކެއް އެކުލެވިގެންވާ ވާހަކަތަކެއް ކަމަށެވެ.

ސަލަފުގެ މައްޗަށް ދޮގު ތުހުމަތުތައް އަޅުވާ، ޓެރަރިޒަމްގެ ތުހުމަތާއި، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ބެހޭ ތުހުމަތުތައް އަޅުވައިގެން ސަލަފް ޖަމްއިއްޔާއަށް ގެއްލުންދީ، އެ ޖަމްއިއްޔާގެ ދީނީ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ އެ ޖަމްއިއްޔާއިން ދިފާއުވާނެ ކަމެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.