މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްފިނަމަ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ބެހޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ދޮގުކުރާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މަރު ކޮމިޝަނުގެ ރިޕޯޓްގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ އެ ކަން ބަލަން އެދި އިދިކޮޅު މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސް ނުވުމާއި ގުޅިގެންނެވެ.

ޝީޔާމް ވިދާޅުވީ، ސަރުކަރުގެ މެންބަރުންނަށް އެ ރިޕޯޓުގެ ސައްހަކަން ކަށަވަރު ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މަރު ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރައްވައިފިނަމަ، އެ ބޭފުޅުން ވެސް އެ ރިޕޯޓް ދޮގު ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރޭ ބޭއްވި ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރިޕޯޓްގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވަނީ އަޑުގަދަކޮށް ޒުވާބު ކުރައްވާފައެވެ. އެގޮތުން އެ ކޮމިޓީގައި ހިމެނި ވަޑައިނުގަންނަވާ މެންބަރުން ކޮމިޓީގައި އަޑުގަދަކުރައްވާފައިވާއިރު އޭގެ ތެރޭގައި ޝިޔާމާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ. ފަހުން އެ ދެ މެންބަރުން ވަނީ ކޮމިޓީ ރޫމުން ބޭރުކުރައްވާފައެވެ.

241 ކޮމިޓީ ހޫނުވެ، ޒުވާބު ކުރެއްވުމަށްފަހު، ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވަނީ މަރު ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ރިޕޯޓުގެ ސައްހަ ކަން ކޮމިޓީން ބެލުމަށް ހުށަހަޅުއްވާފައެވެ. ޣައްސާންގެ ހުށަހެޅުއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ތާއީދު ކުރައްވާފައިވާއިރު، ސަރުކާރުގެ މެންބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.