ދާހިލީ ހަނގުރާމައިގެ ވަޒަން ދޫކޮށް ތުރުކިވިލާތުގައި ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތުގައި ދިރިއުޅެމުންދިޔަ މީހުންގެ ތެރެއިން 200 އެއްހާ މީހުން، އެމީހުންގެ އަމިއްލަ ވަޒަން ކަމުގައި ސޫރިޔާއަށް ބަދަލުކޮށްފައިވާކަމަށް ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސޫރިޔާއަށް ނިސްބަތްވާ 200 އެއްހާ ރެފިއުޖީން އެމީހުންގެ އަމިއްލަ ވަޒަނަށް ބަދަލުވެފައިވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށާ، އެމީހުން ސޫރިޔާއަށް އެތެރެވެފައިވަނީ ސަލާމަތްތެރިކަމާ، ރައްކާތެރިކަމާއެކުގައި ކަމަށެވެ.

ތުރުކީވިލާތުން ވަނީ އެގައުމާ ސޫރިޔާ ހިއްސާކުރާ ސަރަހައްދީ އިމުގެ ސަރަހައްދުގައި ސޭފްޒޯންއެއް ގާއިމުކުރުމުގެ ނަމުގައި، ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދު ކޮންޓްރޯލް ކުރަމުންދިޔަ ކުރުދީ ހަނގުރާމަވެރިން ބަލިކުރުމަށް ވަރުގަދަ އޮޕަރޭޝަނެއްވެސް މިދިޔަ މަހުގެ 9 ވަނަ ދުވަހު ފަށާފައެވެ.

ތުރުކީވިލާތުގައި ތިބި ސޫރިޔާގެ ރެފިއުޖީން އަމިއްލަ ވަޒަނަށް ފޮނުވާލުމަށް ކޮންމެހެންވެސް ސޭފްޒޯނެއް ގާއިމުކުރަންޖެހޭ ކަމަށާ، ސޭފްޒޯން ގާއިމުވާން އަންނަނީ ކުރުދީ ހަނގުރާމަވެރިން ބަލިކޮށްލައިގެން ކަމަށް ތުރުކީވިލާތުން ބުނެއެވެ. ތުރުކީވިލާތުން ގަބޫލުކުރާ ގޮތުގައި ކުރުދީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުންނެވެ. ކަންމިހެން އޮތްއިރު ކުރުދީ ހަނގުރާމަވެރިންނަކީ ސޫރިޔާގައި އަތްގަދަކުރި އައިސިސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވި ހަނގުރާމަވެރިންނެވެ.

ތުރުކީވިލާތުގެ އަސްކަރީ އޮޕަރޭޝަނާއެކު އައިސިސްގެ ގިނަ ގައިދީންތަކެއް ތުރުކީވިލާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެމީހުންގެ އުފަން ފަސްގަނޑަށް އެމީހުން ފޮނުވާލުމުގެ މަސައްކަތްވެސް ތުރުކިވިލާތުން ވަނީ ފަށާފައެވެ. ގައުމުތަކުން އެމީހުން ބަލައި ނުގަތް ކަމުގައި ވީ ނަމަވެސް، ތުރުކީވިލާތުން އައިސިސްގެ ގައިދީން ބޭރު ކުރާނެ ކަމަށް ތުރުކީވިލާތުން ވަނީ އިންޒާރުކޮށްފައެވެ.