ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީން ބެލި ބެލުމުން، ފުލުހުންގެ އިހުމާލުވާކަން ހާމަވެއްޖެއެވެ.

ސަބް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޑރ. އަފްރާޝީމް މަރާލުމާ ބެހޭ އިންޓެލް މައުލޫމާތު އިންޓެލް އެނަލިސްޓް އިބްރާހިމް ރިފްއަތަށް ލިބިިފައިވާ ކަމަށެވެ. ނަމަވެސް، އެކަމާމެދު އޭނާ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށް، ސަބް ކޮމިޓީން ވަނީ އޭނާއާ މެދު ފިޔަވަޅު އެޅުމަށްގޮވާލާފައެވެ.

އިންޓެލް އެނަލިސްޓް އިބްރާހިމް ރިފްއަތަށް ފިޔަވަޅު އެޅުމަށް އެ ރިޕޯޓުގައި ގޮވާލާފައިވާއިރު ރިފްއަތަށް ވަނީ މަރާލާފައިވާ ނޫސްވެރިޔާ، އަހްމަދު ރިޟްވާން ރަހީނުކުރުމާ ބެހޭ އިންޓެލް މައުލޫމާތު ލިބި، އެކަމަށް ފިޔަވަޅު ނޭޅި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ. ރިޟްވާން މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުން ހާމަވާ ގޮތުގައި، އިތުރު އިންޓެލް ފުލުހަކާއި އެކު ރިފްއަތު ވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރިޟްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ކަމަށާއި، ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހެދުމަށް ވެސް އެ ދެ މީހުން މަސައްކަތް ކޮށްފައިވެއެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި ރިފްއަތުގެ އިހުމާލުވާކަމަށް ނިންމާފައިވަނިކޮށް، އޭނާއާއި، އިތުރު ފުލުހަކު ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތްޕުޅުން ފައިސާތަކެއް ނެގި މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައެވެ.

މީގެ އިތުރުން ސަބް ކޮމިޓީގެ ރިޕޯޓުގައި، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ފުލުހުންގެ ބައެއް އިސްވެރިންގެ ވެސް އިހުމާލުވާކަން ވަނީ ފާހަގަވެފައިވާ ކަމަށް ބުނެފައިވެއެވެ.

2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ އަނިޔާވެރިކަމާއެކު ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ހަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރެއްވުމާއި ގުޅިގެން ރައީސް ސޯލިހު އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެމައްސަލަ ބެލުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ.