ގާތްގަނޑަކަށް 13000 މީހުންގެ އާބާދީ ހިމެނޭ ފުވައްމުލަކު ސިޓީއަކީ ހިތްގައިމު ރަށެކެވެ. އެރަށުގައި ޖުމްލަ 8 އަވަށް އޮންނަ އިރު އެ ރަށަކީ ޏ. އަތޮޅުގައި އޮންނަ ހަމައެކަނި ރަށް ކަމުން ފުވައްމުލަކަކީ، ރާއްޖޭގެ މި ޖަޒީރާ ރަށްތަކުގެ ތެރެއިން ވަކިން ފާހަގަކޮށްލެވޭ ރަށެކެވެ.

އެރަށް ތަރައްގީ ކުރުމަށް އެކިކަހަލަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު އެ ރަށުގައި ބޮޑު ރީތި މިސްކިތެއް ހެދުމަށް ވަނީ ނިންމާފައެވެ. އެ މިސްކިތަކީ ލިލީ މިސްކިތެވެ.

ފުވައްމުލަކުގައި ބިނާކުރަން ހަމަޖެހިފައިވާ ލިލީ މިސްކިތް މިހާރު ޑިޒައިން ކުރެވިފައިވާ ގޮތަށް ހިޔާލު ހުށަހެޅުމަށް ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން އެރަށު ކައުންސިލުން ބުނީ، ފުވައްމުލަކު މިސްކިތް މަގު މަސްޖިދުއްހުދާ (ލިލީ މިސްކިތް) އަލުން ޑިޒައިންކޮށްފައިވާ ކަމަށެވެ. އެ މިސްކިތުގައި 458 މީހުންގެ ޖާގަ ހެދުމަށް ހަމަޖެހިފައިވާތީ ޑިޒައިން ކުރެވިފައި ވާ ގޮތް އާންމުކޮށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ފުވައްމުލައް ސިޓީގައި އަލުން ޑިޒައިންކުރި ލިލީ މިސްކިތުގެ ކުރެހުން / ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލު

މިސްކިތު ޑިޒައިންކޮށްފައިވާ ކުރެހުމަށް ބަލާއިރު މިސްކިތް މަތިން ފެންނަނީ މަލެއްގެ ބައްޓަމަށެވެ. މިސްކިތުގެ ވަށާ ފާރު ގައި ކަނޑާ ނަގާފައިވާ ކުރެހުން ރީތިވެފައި ފުރިހަމަ ކަން ފާހަގަވާ އިރު އެތަނުން މިސްކިތް ތެރެއަށް އަލި ވަންނާނެއެވެ. އަދި މިސްކިތުގެ ބޮޑުކަން ވެސް އެ ކުރެހުމުން ފާހަގަ ކުރެވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެރަށުގެ ރައްޔިތެއް ބުނީ، "ފުވައްމުލަކި ލިލީ މިސްކިތެ ޑިޒައިން ވަރަހަ ސަޅި" ކަމަށެވެ. އެ މިސްކިތް ހެދޭ އެންމެ ބޮޑުކޮށް ހެދުމަކީ އުންމީދެއް ކަމަށެވެ. އީދެއް އަޔަސް މިސްކިތް ފުރިގެން ބޭރުގައި މީހުން ނަމާދުކުރަން ތިބެން ޖެހޭ ކަމަށެވެ.

ލިލީ މިސްކިތުގެ ކުރެހުން އާންމުކޮށް އެ ކައުންސިލުން ކޮށްފައިވާ ޓްވީޓަށް ވަނީ ގިނަ ބައެއްގެ ހިޔާލުތައް ހިއްސާކޮށްފައެވެ. އެގޮތުން އެ ޑިޒައިން ވަރަށް "ނަލަ" ކަމަށާއި "ރިވެތި" ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ. ހަމައެއާއެކު އެ ޑިޒައިނަށް ބެލުމަށްފަހު ރަނގަޅުކުރަން ޖެހޭ ނުކުތާތައްވެސް ގިނަ ބައަކު ވަނީ ފާހަގަކޮށްފައެވެ.

އާންމުގެ މީހަކު ހުށަހާޅާފައި ހިޔާލެއްގައި ބުނެފައި ވަނީ، އެ މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން ދަތި ނޫން ނަމަ މިސްކިތުގެ ޖާގަ ބޮޑު ކުރުމަށް ފެންނަ ކަމަށެވެ. އެއީ މުސްތަގުބަލަށް ވިސްނާފައި އެ މިސްކިތް އިތުރަށް އަނެއްކާވެސް ބޮޑުކުރަން އިތުރު ހޭދައެއް ކުރަން ޖެހިދާނެ ކަމަށް ބަލާފައި ދިން ހިޔާލެއް ކަމަށް ވެސް އެފަރާތުން ބުނެއެވެ.

އިތުރު ފަރާތަކުން ހުށަހޅާފައިވާ ހިޔާލެއްގައި ބުނެފައިވަނީ، އެ މިސްކިތުގައި ކިޔާވާ ކުދިންނާއި މުސްކުޅިން ގިނައިރު އިށީންދެގެން ތިބެން ފަސޭހަ ގޮތަކަށް ތިރީގައިވާ ފާރު ވަށައިގެން ލެނގެވޭނެ ކަހަލަ ގޮތަކަށް ހަދާލުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. އިހްތިކާފަށް މީހުންނަށް ތިބެން ފަސޭހަވާނެ ގޮތަކަށް މިސްކިތުގެ އެތެރެ ޑިޒައިންކުރަން ފެންނަ ކަމަށާއި، ރޯދަ މަހު ރޯދަ ވީއްލަންވެސް ފަސޭހަ ވާނެހެން ޖާގަ އާއި ޑިޒައިން ތައްޔާރު ކުުމަށް ފެންނަކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ފުވައްމުލައް ސިޓީގައި އަލުން ޑިޒައިންކުރި ލިލީ މިސްކިތުގެ ކުރެހުން / ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލު

މީގެ އިތުރުން، މިސްކިތުގެ ވަށާފާރު ކަނޑާނަގާފައިވާ ތަނުން އެތެރެއަސް އަލިކަމާއި ވައި ވަންނާނެ ހެން ފާހަގަކޮށް އާންމުންގެ މީހަކު ބުނެފައިވަނީ އެތަނުން މިސްކިތަށް ގިނައިން ހިރަފުސް ވަނުން އެކަށީގެންވާ ކަމަށެވެ. އަދި އެ މިސްކިތަކީ މިހާރުވެސް ވަރަށް ގިނަ މީހުން ނަމާދުކުރަން ދާ މިސްކިތެއްކަން ފާހަގަކޮށް މިސްކިތަށް ވަންނަ މީހުންގެ ފައިވާންތައް އަތްވާއި ވިއްސާރައިން ހިޔާވާނެ ގޮތަކަށް ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް އެދިފައި ވެއެވެ.

ބޮޑު އާބާދިއެއް ހިމެނޭ ފުވައްމުލަކު ސިޓީގައި ތަރައްގީ ކުރާ މިސްކިތްތައް ބޮޑު ކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ބޮޑު އެދުމެކެވެ. އެއީ މުސްތަގު ބަލަށް ވިސްނައިފި ނަމަވެސް އަދިވެސް ބޮޑު ކުރަން ޖެހިދާނެ ކަމަށް ވިސްނާފައެވެ. ބިމުގެ ޖާގަ އޮތް މިންވަރަކުން މިސްކިތް ބޮޑު ކުރުމަށް ގިނަ ބަޔަކު އަންނަނީ ހިޔާލު ދެމުންނެވެ.

މި މިސްކިތަކީ ފުވައްމުލަކުގައި އީދު ނަމާދާއި، ތަރާވީސް ނަމާދާއި، ހުކުރު ނަމާދު ވެސް ކުރާ މިސްކިތެވެ. މި ފަދަ ދުވަސް ދުވަހު ނަމާދު ވަގުތުތަކުގައި މިސްކިތް ފުރިގެން ބޭރުގައި ވެސް ގިނަ ބަޔަކު ނަމާދު ކުރަމުން އަންނަ މި މިސްކިތް ބޮޑު ކުރުމަކީ ފުވައްމުލަކު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.