މާލީ ބަޔާން ހުށަނާޅުއްވާ ފަނޑިޔާރުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހެޅުމާ ބެހޭ ގޮތުން ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ވަނީ، މިހާތަނަށް މާލީ ބަޔާން ހުށަނާޅުއްވާ ފަނޑިޔާރުން މާލީ ބަޔާން ހުށްހެޅުމަށް ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅުއްވާނަމަ، އެ ފަނޑިޔާރަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި، ދިވެހިރާއްޖޭގެ ކޮންމެ ފަނޑިޔާރަކު، ކޮންމެ އަހަރަކު އެއް ފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް އެ ކޮމިޝަނަަށް ހުށަހަޅަން ޖެހޭ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ހަމައެއާއެކު މަލީ ބަޔާން ހުށަހަޅާ އުސޫލު މުރާޖާކޮށް ދައުލަތުގެ ކަމާބެހޭ ފާރާތްތަކާ ގުޅިގެން ކޮމިޝަނަށް ހުށަހަލާ މާލީ ބަޔާންތައް އޮޑިޓްކުރުމަށް އިއްޔެ އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން އަންނަ އިރު މިހަތާނަށް ތިން ފަނޑިޔާރުން ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ. އެއީ ފަނޑިޔާރު އަބްދުﷲ ދީދީއާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. އިއްޔެ ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ފަނޑިޔާރު ކަމުން ވަކި ކުރުމަށް ނިންމާ އޭނާގެ މައްސަލަ މަޖިލީހަށް ފޮނުވާފައެވެ.